ތިން ވަނަ ފަހަރަށް އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވުމަށް، ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ޑރ. މަޖީދަށް ރުހުންދޭން ނުފެންނަ ކަމަށް ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން އެކަމަށް ގޮތެއް ނިންމުމަށް، ސަރުކާރުގެ މަސްއޫލިއްޔަތުއަދާކުރާ މިންވަރުބަލާ ކޮމިޓީން ނިންމާފައި ވަނިކޮށް، ޑރ. މަޖީދަށް މަޖިލީހުގެ ރުހިން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި، މަޖީދަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ އެ ވަގުތު ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޑރ. މަޖީދަށް ރުހުންދޭން ނުފެންނަ ކަމަށް 35 މެންބަރުން ވޯޓު ދެއްވި އެވެ. މަޖީދަށް ރުހުން ދިނުމަށް ބޭނުންވަނީ 37 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން މަޖީދަށް ރުހުންދޭން ފާސްކޮށްފައި މިވަނީ އިދިކޮޅު ބައެއް ފަރާތްތަކުން އޭނާ އަށް ރުހުން ނުދޭނެ ކަމަށް ބުނެފައި ވަނިކޮށެވެ. މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީން ވެސް ބުނެފައި ވަނީ ޑރ. މަޖީދަށް ރުހުން ނުދޭނެ ކަމަށެވެ. އަދި މަޖީދަށް ރުހުން ނުދިނުމަށް އިދިކޮޅު ގިނަ މެންބަރުންތަކެއް ވަނީ ވޯޓު ދީފަ އެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ވެރިކަން ކުރާ އެމްޑީޕީގެ އަތުގަ އެވެ.

އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރުކަމާ، ތިން ވަނަ ފަހަރަށް ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ ހަވާލުވެ ވަޑައިގެންނެވީ، މިއަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އެއީ ސަރުކާރު ހިންގާ އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަނުން ޑރ. މަޖީދަށް ނިސްބަތްވާ އަދާލަތު ޕާޓީން ވަކިވުމުން ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ފަހުގަ އެވެ.

ރައީސް ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެކުލަވާލެއްވި ފުރަތަމަ ކެބިނެޓްގައި، އޭރު ޖުމްހޫރީ ޕާޓީގެ ކޯލިޝަންގެ ކޯޓާގެ ތެރެއިން، އިސްލާމިކް މިނިސްޓަރުގެ މަގާމު ދެއްވާފައި ވަނީ ޑރ. އަބުދުލްމަޖީދު އަބުދުލް ބާރީ އަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ޑރ. މަޖީދު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގެ 29ވަނަ ދުވަހު ރައީސް ނަޝީދުގެ މުޅި ކެބިނެޓް އިސްތިއުފާ ދެއްވުމަށް ފަހު، އެ އަހަރުގެ ޖުލައި މަހު އެކުލަވާލެއްވި ކެބިނެޓުންނެވެ.