20 Apr 2020, 16:16
ކާބުލް (20 އެޕްރީލް 2020) : އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރަށް ކޮވިޑް-19 ވައިރަސް ވަދެ އެތަނުގެ ގިނަ މުވައްޒަފުންތަކެއް އެ ރޯގާއަށް ޕޮޒިޓިވް ވެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.
އަފްޣާނިސްތާނުގެ ބައެއް ނޫސްތަކާއި އެމެރިކާގެ ނިޔުޔޯކް ޓައިމް ބުނާގޮތުން އަފްޣާން ރިޔާސީ ގަނޑުވަރުގެ މުވައްޒަފުންގެތެރެއިން 20 އާއި 40 އާ ދެމެދު އަދަދެއްގެ މުވައްޒަފަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިކަމާބެހޭ ގޮތުން އަފްޣާން ސަރުކާރުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް ނަންހާމަކުރަން ނޭދޭ އަފްޣާން މަސްއޫލުވެރިއަކު ނިޔުޔޯކް ޓައިމްސްއަށް ދެއްވި މައުލޫމާތެއްގައި އަފްޣާން ސަރުކާރުން އެކަން ސިއްރުކުރަމުން ދާކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރިޔާސީ ގަނޑުވަރަށް ކޮވިޑް-19 ވަންކަން ނުވަތަ ނޫންކަން ސީދާގޮތެއްގައި އޭނާ ކަށަވަރުކޮށް ދެއްވާފައެއް ނުވެއެވެ.

ރައީސް އަޝްރަފް ޣަނީ އަފްޣާން ރިޔާސީގަނޑުވަރުގައިއަފްޣާނިސްތާނުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ރަސްމީކޮށް އެނގިފައިވަނީ 996 މީހެކެވެ. އޭގެތެރެއިން 33 މީހަކު ވަނީ އެރޯގާގައި މަރުވެފައެވެ.އަފްޣާން ރިޔާސީ ގަނޑުވަރުގެ އެތަށް މުވައްޒަފަކަށް ކޮވިޑް-19 ޖެހިފައިވާއިރު ރައީސް އަޝްރަފް އަބްދުލްޣަނީގެ ހާލުކޮޅު ހުރިގޮތެއްވެސް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ.
އުމުރުފުޅުން 70 އަހަރު އަޝްރަފް ޣަނީ އަކީ ކުރިން ކެންސަރުބަލީގައި އުޅުއްވުމަށްފަހު އެބަލިން ފަސޭހަވެފައިވާ ބޭފުޅެކެވެ. 1990 ގެ އަހަރުތަކުގެ ކުރީކޮޅު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވި ޣަނީ އެ ބަލިން ސަލާމަތްވެވަޑައިގަތީ ގޮހޮރުގެ ބައެއް ނަގައިގެންނެވެ. މީގެއިތުރުން ޣަނީއަކީ ހަކުރުބަލީގެ ޝިކާރައަކަށްވެފައިވާ އަދި ލޭގެ ޕްރެޝަރުވެސް ހުންނަ ބޭފުޅެއް ކަމަށްވެއެވެ.
މިދިޔަ ހަފްތާގައި އަފްޣާނިސްތާނަށް ޒިޔާރަތް ކުރެއްވި އީރާނުގެ ބައެއް މަސްއޫލުވެރިން ރިޔާސީ ގަނޑުވަރުގައި ރައީސް އަޝްރަފް ޣަނީ އާ ބައްދަލު ކުރައްވާފައިވެއެވެ. އީރާނަކީ ކޮވިޑް-19 އެންމެ ބާރަށް ފެތުރޭ 9 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
މީގެއިތުރުން އަފްޣާން ޕްރޮވިންސްތަކުގެ އިސް ބައެއް މަސްއޫލުވެރިންވެސް އަފްޣާން ރިޔާސީ ގަނޑުވަރުގައި މިދިޔަ ހަފްތާގައި ރައީސް ޣަނީއާ ބައްދަލުކުރައްވާފައިވެއެވެ. އަފްޣާން ރިޔާސީ ގަނޑުވަރަށް ކޮވިޑް-19 ވަނީ ކޮންގޮތަކަށްކަން އެނގިފައެއް ނުވެއެވެ. އަދި ރިޔާސީ ގަނޑުވަރަށް ކޮވިޑް-19 ވަންކަން އަފްޣާން ސަރުކާރުން ކަށަވަރުކޮށްދީފައެއްވެސް ނުވެއެވެ. (ނޫސް އެޖެންސީތައް)