އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ބްރައިޓޮން އެންޑް ހޯވް އަލްބިއަން ގެ އެމެކްސް ސްޓޭޑިއަމް، ކޮރޯނާއަށް ޓެސްޓް ކުރާ ސެންޓަރަކަށް ހަދައިފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލާފައި އޮންނަތާ ދޮޅު މަހެއްހާ ދުވަސް ވެފައިވާ އިރު ލީގުގެ ކުޅުން އަދިވެސް ފެށޭނެ ތާރީހެއް ނޭންގެ އެވެ. އެއާ އެކު ބްރައިޓޮންގެ ހޯމް ސްޓޭޑިއަމް މިހާރު ވަނީ ޑްރައިވް-އިން ކޮރޯނާ ޓެސްޓް ކުރާ ސެންޓަރެއްގެ ގޮތުގައި ހަދައިފަ އެވެ.

ބްރައިޓޮންގެ ސްޓޭޑިއަމް ޓެސްޓް ސެންޓަރެއްގެ ގޮތުގައި ހަމަޖެއްސި އިރު މިއީ އިނގިރޭސި ވިލާތުގައި ކޮރޯނާއަށް ޓެސްޓް ކުރުމަށް ހެދުނު 32 ވަނަ ޓެސްޓިންގް ސެންޓަރެވެ. މި ސެންޓަރުން ހިދުމަތް ދޭ ގޮތަށް ހަމަޖެހިފައި ވަނީ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ހެލްތް ވޯކަރުންނާއި ވަކި ހާއްސަ ފާޙެއް ލިބިފައިވާ ފަރާތްތަކަށެވެ.

ކުލަބުގެ މެނޭޖްމެންޓާއި އާމީ ފޯސް އަދި ނޭޝަނަލް ހެލްތް ސާވިސް ގުޅިގެން މި ފުޓުބޯޅަ ސްޓޭޑިއަމް ޓެސްޓް ސެންޓަރަކަށް ހަދާފައިވާ އިރު މިއީ އިނގިރޭސި ވިލާތުގެ އެންމެ ބޮޑު އެއް ޓެސްޓިންގް ސެންޓަރަށް ވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮރޯނާ ވައިރަހުގެ ބިރުވެރިކަމާ އެކު އިނގިރޭސި ވިލާތުގެ ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވާ އިރު ކުލަބް ތަކުން އަންނަނީ ކުޅުންތެރިން ގޭގައި ފަރިތަކުރުންތައް ހެދުމަށް އިރުޝާދު ދެމުންނެވެ. އެކަމަކު ލީގު ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތް ނަމަ ލީގު ކެންސަލްކޮށް އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލަށް ތަށި ދިނުމަށް ވިސްނަމުންދާ ކަމަށް ޔޫއެފާއިން ވަނީ ބުނެފަ އެވެ.

ލީގުގެ ކުޅުން މިދިޔަ މާޗު މަހުގެ ކުރީކޮޅު މެދުކަނޑާލި އިރު ލިވަޕޫލް އެއްވަނައިގައި އޮތީ 29 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 57 ޕޮއިންޓް ލިބިފައިވާ އިރު ތިންވަނައިގައި ލެސްޓާ ސިޓީ އޮތީ 53 ޕޮއިންޓާ އެކު އެވެ.