20 Apr 2020, 14:54
މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި، ބީއެޗްއެމްގެ މުވައްޒަފަކާއި އިހުސާން ފިހާރައިގައި މަސައްކަތް ކުރާ ދެ މީހަކު ހިމެނޭ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
އެންއީއޯސީގައި މިއަދުު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވަނީ، މިއަދު މާލެއިން ޕޮޒިޓިވްވި އަށް މީހުންގެ ތަފްސީލުތައް ހާމަކުރައްވައިފައެވެ.
މިއަދު މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަ ދިވެހީންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ.
މިއަދު ބައްޔަށް ޕޮޒިޓިވްވި ބަންގްލަދޭޝް ދެމީހުންނަކީ އިހުސާން ފިހާރައިގައި މަސައްކަތް ކުރާ ދެމީހުން ކަަމަށް ޑރ. ނަޒްލާ ވިދާޅުވި ނަމަވެސް، އެއީ ސީދާ ކޮން އިހުސާން ފިހާރައެއް ކަމެއް ވިދާޅެއް ނުވެއެވެ.
މިއަދު ފެނުނު ކޭސް53 އަކީ ފްލޫ ކްލިނިކަށް ދިޔަ ދިވެއްސެކެވެ. އޭނާއަކީ ބީއެޗްއެމްގެ ޑެލިވަރީގައި މަސައްކަތް ކުރާ މީހެކެވެ.
ކޭސް54 އަކީ ފްލޫ ކްލިނިކަށް ދިޔަ ދިވެއްސެކެވެ. އޭނާގެ އަލާމާތްތައް ފެންނަން ފަށާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާއަކީ ދިވެހި ވިއުގައިގަ މަސައްކަތް ކުރާ މީހެކެވެ.
މިއަދު ޕޮޒިޓިވްވި ކޭސް55 އަދި ކޭސް57 އަކީ ކޭސް29 އާ ގުޅުން ހުރުމުން ޓެސްޓު ކުރި ދެ މީހުންނެވެ. އެ ދެމީހުންގެ ފަރާތުން ވެސް ބަލީ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ދެމީހުން މިވަގުތު ތިބީ ވެސް އައިސޮލޭޝަންގައި ކަމަށް ވިދާޅުވިއެވެ.
ކޭސް56 އަކީ ކޭސް34 ގެ ކޮންޓެކްޓެކެވެ. އޭނާ ވެސް މިވަގުތު ހުރީ އައިސޮލޭޝަންގައެވެ.
ކޭސް58 އަކީ އިއްޔެ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ފްލޫ ކްލިނިކަށް ދެއްކި ދިވެއްސެކެވެ.
މި އަށް ކޭސްގެ އިތުރުން ވެސް މިއަދު އިތުރު ހަތް މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
މި ކޭސްތަކާއެކު މިއަދު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 15 އަށް އަރައިފައެވެ.
މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 67 އަށް އެރި އިރު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47 އަށް އަރައިފައެވެ.