19 Dec 2011, 13:24
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރައްވަމުން ގެންދަވާ ކަމަށް ބުނެ އެ މައްސަލަ އަދާލަތު ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
އަދާލަތު ޕާޓީގެ އަމީން އާއްމު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ޑރ. މަޖީދުގެ މައްސަލަ ސުލޫކީ ކޮމިޓީ އަށް މީގެ މަހެއްހާ ދުވަސް ކުރިން ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ހުށަހެޅީ އިސްލާމިކް މިނިސްޓަރު ކަމުން ޑރ. މަޖީދު އިސްތިއުފާދެއްވުމަށް ފަހު، ޕާޓީގެ ވިސްނުމާ ހިލާފަށް އަލުން އެމާގާ ހަވާލުވެވަޑައިގެންނެވުމާއި ޕާޓީގެ އާއްމު މެންބަރުންގެ މަސްލަހަތު ގެއްލޭ ގޮތަށް އަދި ޕާޓީގެ ނިންމުންތަކާ ހިލާފަށް ބައެއް މީޑިއާތަކުގައި ވާހަކަ ދައްކަވަމުން ގެންދަވާތީ ކަމަށެވެ.
"ޕާޓީގެ މަސްލަހަތު ގެއްލޭ ފަދަ ގޮތަކަށް ޑރ. މަޖީދުގެ އަމަލުތައް ބަހައްޓަވަމުން ގެންދަވާތީ، ޕާޓީގެ މަސްލަހަތު ނެގެހެއްޓުމުގެ ގޮތުން އެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ހުށަހަޅަން ނިންމީ އިލްމުވެރިންގެ މަޖިލީހުން،" މުއިއްޒު ވިދާޅުވި އެވެ.
އެ ޕާޓީގެ ކުރީގެ ރައީސް ޝޭހް ހުސެއިން ރަޝީދު އަހުމަދު ޕާޓީން ވަކިކުރުމަށް ފަހު، އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެ ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށް ދިނުމަށް އެދި އަދާލަތުން ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ހަފްތާގައި ހުށަހަޅައިފަ އެވެ.
ހުސެއިން ރަޝީދު އެ ޕާޓީން ވަކިކޮށްފައި ވަނީ ވެސް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަދި ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރައްވަމުން ގެންދަވާތީ ކަމަށް ބުނެ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: