ނިއުދިއްލީ (19 އެޕްރީލް 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" އާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ގޮންޖެހުންބޮޑު ހަނގުރާމައެއްކަމަށާއި އެ ހަނގުރާމަ ކާމިޔާބު ކުރެވޭނީ ހުރިހާ ގައުމުތަކެއް އެއްބައިވެ، އެކަތިގަނޑެއްގެ ގޮތުގައި ތިބެގެންކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވަނީ އިންޑިއާގެ އެކި ދީންތަކާއި ނަސްލުތަކުގެ މީހުންގެ މެދުގައި އެއްބައިވަންތަކަން ގާއިމް ކުރުމަށް އެދިވަޑައިގަތުމުގެ އިތުރުން ދުނިޔޭގެ ގައުމުތަކުގެ މެދުގައި ވެސް ކުރިޔަށްވުރެ ބޮޑަށް އިތުބާރާއި އެއްބައިވަންތަކަން ގާއިމް ކުރުމަށް ގޮވާލައްވާފައެވެ.

މޯދީ މިމޭރުމުން ޕޯސްޓެއް ކުރެއްވި ނަމަވެސް ކޮވިޑް-19 އާ ހަނގުރާމަ ކުރުމަށްޓަކައި އަވަށްޓެރި ޕާކިސްތާނާ ގުޅުންތައް ރަނގަނޅު ކުރަން އިންޑިއާ އިން މަސައްކަތް ކުރާތަނެއް ނުފެނެއެވެ.

މީގެއިތުރުން އިންޑިއާގެ ސަރުކާރުގެ ހޮސްޕިޓަލާއި ހެލްތް ސެންޓަރުތަކުންނާ އަދި ވެރިކަންކުރާ ބީޖޭޕީގެ ނުފޫޒު ހިނގާ އިދާރާތަކުން އެގައުމުގެ މުސްލިމުންނާ އަދި ބައިމަދު ދަރިކޮޅު ތަކުގެ މީހުންނާމެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތަކުން ބުނެއެވެ.

މޯދީ ކުރެއްވި ޕޯސްޓް ވިދާޅުވެފައިވަނީ ކޮވިޑް-19 އަކީ ވަކި ނަސްލެއް، ވަކި ދީނެއް، ވަކި ގައުމެއް އަދި ވަކި ކުލައެއް، ފަންތިއެއް ގިންތިއެއް، ބަހުރުވައަކަށް ނުބަލައި އެންމެން އޭގެ ޝިކާރައަކަށް ހަދަމުންދާ ރޯގާއެއްކަމަށާ އެހެންކަމުން އެ ރޯގާ އާ ކުރިމަތިލައިގެން ކާމިޔާބު ހޯދޭނީ އެންމެން އެއްބައިވެ އެކަތި ގަނޑަކަށްވެގެން ކުރާ މަސައްކަތަކުން ކަމުގައެވެ. އިންޑިއާއަކީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ގައުމެކެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހޭމީހުން އިންޑިއާގައި އިތުރުވަނީ

މިއާއެކު އިންޑިއާއިންވަނީ ފުރަބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ. އިންޑިއާގައި ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރާ ހާލަތްތައް އެންމެ ގިނައީ މަހާރާޝްތްރާގައެވެ. އެއަށްފަހު ދެން އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވަނީ ނިއުދިއްލީއާއި ކެރެލާ ގައެވެ.

އިންޑިއާގެ އާބާދީ ބޮޑުވެފައި އާބާދީގެ ގިނަބަޔަކު އުޅެނީ ވަރަށް ދަތިހާލުގައި ރަށްފުށުގެ އެކަހެރި ސަރަހައްދުތަކުގައި ކަމަށްވާތީ ކޮވިޑް-19 ޖެހިގެން ރިޕޯޓްނުކުރާ ނުވަތަ ނޭންގޭ ހާލަތްތައް ގިނަވެދާނެ ކަމުގެ ކަންބޮޑުވުން އެގައުމުގެ ސިއްހަތާބެހޭ ތަޖްރިބާކާރުންވަނީ އެތަށްފަހަރަކު ފާޅުކުރައްވާފައެވެ. (އިންޑިއާގެ ނޫސްތައް)