20 Apr 2020, 14:05
މާލޭގައި އިތުރު އަށް މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހަ ދިވެއްސެއްގެ އިތުރުން ދެ ބިދޭސީއެއް ކަމަށެވެ. މި ދެ ބިދޭސިންނަކީވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މި ކޭސްތަކާއެކު މާލެއިން ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 40 އަށް އަރައިފައެވެ. މި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވި މީހުންނާ އެއްވެސް ގުޅުމެއް އޮތްތޯ ބަލަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މި އަށް މީހުންވެސް އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މާލެއިން އެންމެ ފުރަތަމަ ބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއު ހިންގަން ވަނީ ފަށައިފައެވެ.
މިހާތަނަށް ރާއްޖެއިން 60 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 16 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއަދު ހަ ދިވެއްސަކާއި ދެ ބިދޭސީއަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އިއްޔެ ބައްޔަށް ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި 14 ބަންގްލަދޭޝް ރައްޔިތުންނާއި، އިންޑިއާގެ ދެ ރައްޔިތުން ވެސް ހިމެނެއެވެ.
އެންއީއޯސީން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ޕޮޒިޓިވްވި ބަންގްލަދޭޝްގެ 13 މީހުންނަކީ ލިލީ އެންޓަޕްރައިސަސްގައި މަސައްކަތް ކުރާ ބައެއް ކަމަށާއި އެ އެންމެން ނިދައި ހަދަނީ އެއް ތަނެއްގައެވެ.
މި 13 މީހުންނަކީ ޕޭޝަންޓް 27 އާ ގުޅުންހުރި މީހުންނެވެ. ޕޭޝަންޓް 27 އަކީ ލިލީގެ ހޯލްސޭލް ބައިގައި މަސައްކަތް ކުރަމުން އައި، ދިވެހި އަންހެން މުވައްޒަފެކެވެ.
އިއްޔެ ވަނީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ދެމީހަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައެވެ. އެމީހުންގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް އިިރު، އެމީހުންނަކީ މާލެއިން ޕޮޒިޓިވްވި ކޭސް 28 އާ ގުޅުން ހުރި ކޮންޓެކްޓްސްއެވެ.
އިންޑިއާގެ ދެމީހުންނަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ އޭސީ މަރާމާތުކުރުމުގެ ހިދުމަތް ދޭ ދެ ޓެކްނީޝަނުންނެވެ.