20 Apr 2020, 13:42
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ފެނަކަ މުވައްޒަފުންގެ ސަސްޕެންޝަން އެކުންފުނިން އުވާލައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބުނާ ގޮތުން ސިވިލް ސާވިސް މުވައްޒަފަކު ކައުންސިލަކަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހަކުން ފެށިގެން އެމީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ވާނެ އެވެ.
އެމީހަކު ކުރިމަތިލި ގޮނޑިއަކަށް އެމީހަކު ނުހޮވިއްޖެނަމަ އެމީހާއަށް ވަޒީފާއަށް އެނބުރި ރުޖޫއަވުމުގެ ފުރުސަތު އެމީހަކަށް ދޭންވާނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ފެނަކައިން ބުނީ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެކުންފުނީގެ އިންޓާނަލް ސަސްޕެންޝަނުގައި ތިބި މުވައްޒަފުންގެ ސަސްޕެންޝަން މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.
ފެނަކައިން މިގޮތަށް ނިންމީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅިގެންނެވެ.
އެ އިންތިހާބު ބައްވަން ޖެހޭ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ވަނީ ކަނޑައަޅާފަ އެވެ.
ކޮވިޑް-19އާ ގުޅިގެން އެއްވެސް ބުރޫއެއް ނާރާ ގޮތަށް ފެނަކައިގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
ފެނަކައިން ބުނީ އެކުންފުނިން ފޯރުކޮށްދެމުންދާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ކައުންސިލްތަކާއި ޓާސްކް ފޯސްތަކުގެ އެއްބާރުލުން މިވަގުތު ވަރަށް މުހިންމު ކަމަށެވެ.
އެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ފެނަކައިން ބުނެ އެވެ.