ގޭގެ އިމާރާތުގެ ވެރިފަރާތް އަދި މުޖުތަމައުގެ ތެރެއިން ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފި އެވެ.

އެމްއެޗްޕީޔޫ އިން ރޭ ކުރި ޓުވީޓުތަކެއްގައި ބުނެފައި ވަނީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސިއްހީ ހިދުމަތްތެރިންނަށް ކުރިމަތިވާ އެއްވެސް ބާވަތެއްގެ ފުރައްސާރައިން ރައްކާތެރިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ގޭގެ ވެރިފަރާތުން، ބައެއް ސިއްހީ ހިދުމަތްތެރިން ގެއިން ނުކުތުމަށް އަންގަމުން އަންނަ ކަމަށާއި ރަގަޅީ ވަޒީފާއަށް ނުދިއުން ކަމަށްބުނެ، ސިއްހީ ހިދުމަތްތެރިންް ވަޒީފާއަށް ނުދާން އަންގަމުން އަންނަ ކަމަށެވެ.

"މިއީ މި ޕެންޑެމިކްގައި މަސައްކަތްކުރަން ނުކުންނަ، ހިދުމަތްތެރިންނަށް ދިމާވަމަމުންދާ ކަންކަން! މިކަމަކީ، އެމީހުންގެ ނަފްސާނީ ދުޅަ ހެޔޮކަމަށް އަސަރުކުރުވާ ކަންކަން!" އެމްއެޗްޕީޔޫ އިން ބުންޏެވެ.

އެމްއެޗްޕީޔޫ އިން ބުނީ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި، ސިއްހީ ހިދުމަތްތެރިން އެތަކެއް ގުރުބާނީއެއް ވަމުންދާއިރު، މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަަށަވަރުކޮށް ދިނުމަށް އެ ޔޫނިއަން އިން ވަނީ ގޮވާލައިފަ އެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ވެސް ވަނީ ސިއްހީ އެއްވެސް ހިދުމަތްތެރިއަކަށް ބިރުދައްކައި، ހަމަލާދިނުން ބަލައިނުގަންނާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.

މެޑިކަލް ކައުންސިލުން ބުނީ މަދު ބައެއްގެ ހިތްހަމަޖެހުމަށް ވުރެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު ކަމަށެވެ.