19 Dec 2011, 13:07
ރ. ދުވާފަރުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި އެކްސިޑެންޓްވެ ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.
އެ އެކްސިޑެންޓްވި ކާރުގެ ފަހަތުގައި ތިބި ދެ އަންހެން ކުދިންގެ ނޭފަތާއި އަނގަމަތި ފަޅައިގެން ދިއުމުގެ އިތުރުން އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މަންޒަރު ދުށްމީހަކު ބުންޏެވެ. އެތަނުން އެއް ކުއްޖަކީ އުމުރުން 18 އަހަރު ނުވާ އަންހެން ކުއްޖެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެ އެކްސިޑެންޓްގައި ކާރު ދުއްވަން އިން ފިރިހެން ކުއްޖާ އަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ އިރު ކާރުގެ ކުރީ ސީޓްގައި އިން ފިރެހެން ކުއްޖެއްގެ އަތަށް އަނިޔާވެ އެކްސިޑެންޓްވި ވަގުތު އޭނާ ހޭނެތުނު ކަމަށް ވެސް މަންޒަރުދުށް މީހާ ބުންޏެވެ. އަދި އަނިޔާވި މީހުންނަށް ދުވާފަރުން ފަރުވާ ދިނުމަށް ފަހު އެ އަތޮޅު އުނގޫފާރު ހޮސްޕިޓަލަށް ވަނީ ބަދަލު ކޮށްފައި ކަމަށް އޭނާ ބުންޏެވެ.
އެކްސިޑެންޓްވި މަންޒަރު ދުށް މީހާ ބުނީ ރޭ 12:00 ޖަހާކަންހާއިރު އެ އެކްސިޑެންޓް ހިނގީ އެ ރަށު އިރުމަތީފަރާތު ބޭރުމަގުން ކާރު ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނެއްޓިގެން ކަމަށެވެ.
ފިނިބުރު ޖަހަންވެގެން ދުއްވި ކާރު ގޮސް ރުކުގައި ޖެހުނުލެއް ބާރުކަމުން ރުކުގައި ހުރި ކާށިތައް ވެސް ކާރު މައްޗަށް ވެއްޓުނު ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
އެ އެކްސިޑެންޓްގައި ކާރުވަނީ ވަރަށް ބޮޑަށް ބަނޑިވެ ހަލާކުވެފަ އެވެ.
މިދިޔަ އަހަރުގެ ފަހު ކޮޅު ދުވާފަރުގައި ޕިކަޕަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 20 އަހަރުގެ ޒުވާނަކަށް ރާއްޖެ އިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.