ރާއްޖޭގެ އުތުރުން އޮންނަ، ހއ. އުލިގަމަކީ ބޭރުގެ ޔޮޓްފަހަރު އެންމެ ގިނައިން ބަނދަރު ކުރަމުން ދިޔަ އެއް ރަށެވެ. އެ ރަށުގެ މީހުންގެ އާމްދަނީވެސް އޮތީ އެކަމާ ގުޅިފަ އެވެ. އެހެން ނަމަވެސް، މުޅު ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހުރެ އެ ހުރިހާ ކަމަކަށް ނިމުމެއް އައިސް މަންޒަރު ބަދަލުވެއްޖެ އެވެ.

މާލެ ފިޔަވާ، ރާއްޖޭގެ މީހުން އުޅޭ ރަށަކުން ކޮވިޑް19 ގެ ކޭހެއް ފުރަތަމަ ފެނިފައި މި ވަނީ ހއ. އުލިގަމުންނެވެ. މިފަހުން މާލެ އައިސް އުޅުނު އެ ރަށު މީހަކަށް ކޮރޯނާވައިރަސް ޖެހުނު ކަން ޔަގީންވުމާ އެކު، މަދު މީސްކޮޅެއް ދިރިއުޅޭ އުލިގަމުގެ ރަށުގެ މަގުތައް މީހުން ނިކުތުން ވެސް ވަނީ މަނާކޮށްފަ އެވެ. އެއާ އެކު، މަގުތައް ވަނީ ފަޅުވެ ހިމޭންވެފަ އެވެ.

ރައްޔިތުންނަށް ދިމާވާ ދަތިތައް ވީއެންމެ އަވަހަށް ހައްލުކޮށްދެވޭތޯ ރަށުގެ ކައުންސިލާ ކޮވިޑް ޓާސްކްފޯހުން ދަނީ މަސައްކަތް ކުރަމުން ކަމަށް އުލިގަމު ކައުންސިލް ރައީސް، އަހުމަދު މުއާޒު ވިދާޅުވި އެވެ.

މުއާޒު "ސަން" އަށް ވިދާޅުވީ މިވަގުތު ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށާއި ނަމަވެސް ރަށް ކަރަންޓީނު ކޮށްފައި އޮތުުމުން ރައްޔިތުންނަށް ދިމާވާ ދަތިތައް އެބަހުރި ކަމަށެވެ.

"އެންމެ ބޮޑަށް އޮތް ގޮންޖެހުމަކީ ވިޔަފާރި ކުރަން ބޭރަށް ނުދެވޭތީ އޮންނަ ޝަކުވާ، ދެން ކުނި އުކާލުމުގެ މައްސަލަ. މި ދެކަމާ ގުޅޭ ޝަކުވާ ސޯޝަލް ސަޕޯޓު ޑެސްކަށް އެންމެ ބޮޑަށް ލިބެމުން ދަނީ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ސޯޝަލް ސަޕޯޓު ޑެސްކުން ރަށުގެ ރައްޔިތުންނަށް ފިހާރަތަކުން މުދާ ޑެލިވަރީކޮށްދޭން ފަށާފައިވާ ކަމަށާއި ނަމަވެސް ރަށުގެ ފިހާރަތަކުން ބައެއް މުދާ މަދުވެފައިވާ ކަމަށެވެ.

"މިހާރު އޮތް އެއް ގޮންޖެހުމަކީ މުދާ ނުލިބުން. ރަށަށް މުދާ އުފުލާ ބޯޓުން އައި މީހެއް ބައްޔަށް ޕޮޒިޓިވް ވީ. އެ ބޯޓުވެސް އޮތީ ކަރަންޓީނުގައި. ބޯޓުން މުދާ ނުބޭލޭތީ ބައެއް ކަހަަ މުދާ ފިހާރަތަކުގައި މަދުވަމުންދަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އުލިގަމުގެ އާބާދީއަކީ 536 އެވެ. ރަށުގައި ވިޔަފާރިކުރާ ހަތަރު ފިހާރަ ހުންނައިރު ރަށަށް ބޭނުންވާ ބައެއް އަސާސީ މުދާ ހއ ހޯރަފުށީ އެސްޓީއޯ ފިހާރަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށް މުއާޒު ވިދާޅުވިއެވެ.

"ހޯރަފުށީ އެސްޓީއޯ ފިހާރައިން އެކޮޅަށް ލިބިފައި ހުރި ސްޓޮކުން ދޫކުރާނެ ވާހަކަ ބުނި. އެގޮތުން ފިޔާ، ބިސް، އަލުވި ދެވެން ހުރި މިންވަރަކަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައި އޮތީ،" މުއާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުލިގަމުގެ ސޯޝަލް ސަޕޯޓު ޑެސްކުގައި މަސައްކަތްކުރާނެ މީހުން މަދުވުމަކީ މިހާރު އޮތް ގޮންޖެހުމެއް ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުލިގަމަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭނާއާ ކޮންޓެކްޓުވި 131 މީހުން ހޯދިފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ވަނީ ބުނެފައެވެ. މުއާޒު ވިދާޅުވީ އޭނާއާ ކޮންޓެކްޓުވި މީހުންގެ ތެރޭގައި ހާސްކަން އެބަހުރި ކަމަށާއި އޭގެ ތެރެއިން އެކަކު އަމިއްލަ އަށް އެދިގެން ރަށުގެ ކަރަންޓީނު ފެސިލިޓީގައި ބަހައްޓާފައިވާ ކަމަށެވެ.

"އަލާމާތްތައް ފެންނަ ކަމަށްބުނެގެން އެކަކު މިހާރު މިރަށު ކަރަންޓީނު ފެސިލިޓީގައި ވަނީ ބެހެއްޓިފައި. ކޮންޓެކްޓުވި މީހުންނަށް ކުރިން [އޭނާގެ ބަލިހުރި ކަމެއް] ނޭނގޭނެތާ. އެމީހުންގެ ތެރޭ ކޮންމެވެސް ވަރަކަށް ހާސްކަން އެބަހުރި،" މުއާޒު ވިދާޅުވިއެވެ.

އެރަށުން ޕޮޒިޓިވްވި މީހާ ސީޕްލޭނެއްގައި އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާއިރު އޭނާގެ ހާލު އާންމުގޮތެއްގައި ރަނގަޅު ކަމަށް މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ މިވަގުތަކީ އުލިގަމު ރައްޔިތުން އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާންވީ ވަގުތު ކަމަށާއި މިފަދަ ހާލަތެއްގައި ދަތިތައް ހުންނާނެކަން ދަނެގެން ރައްޔިތުން އެކުވެރިވާންވީ ވަގުތު ކަމަށެވެ.

"އަޅުގަނޑުމެންނަށް ހިދުމަތް ދެވެންހުރި އެންމެ ރަނގަޅަކަށް ކެޕޭސިޓީ ހުރި މިންވަރަކުން ހިދުމަތްތައް ދޭނަން،" އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 52 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 16 މީހަކު ވަނީ ރަނގަޅުވެފަ އެވެ.