20 Apr 2020, 12:25
އިސްލާމްއާބާދު (އޭޕްރިލް 20): ޕާކިސްތާނުގައި ކޮރޯނާވައިރަސް ފެތުރުމުގެ ބިރު އޮތުމުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަދު ކުރި ނަމަވެސް، ރޯދަ މަހު މިސްކިތްތަކުގައި ނަމާދު ކުރަން ހުއްދަ ދޭން އެގައުމުން ނިންމައިފި އެވެ.
ޕާކިސްތާނުގެ ރައީސް ޑރ. އާރިފް އަލްވީ ވިދާޅުވި ގޮތުގައި އެގައުމުގެ މިސްކިތްތަކުގައި ނަމާދު ކުރަން ހުއްދަ ކުރަން ނިންމެވީ ގައުމުގެ ދީނީ އިލްމުވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. އަދި މިސްކިތްތަކަށް މީހުންނަށް ދެވޭނީ ވަކި ޝަރުތުތަކެއްގެ މަތިންނެވެ.
އެގޮތުން 50 އަހަރުން މަތީގެ މީހުންނަށާއި ކުޑަކުދިންނަށާއި ރޯނގާ ޖެހިފައިވާ މީހުންނަށް މިސްކިތަށް ނުދެވޭނެ އެވެ. އަދި މިސްކިތުގެ ކާޕެޓުތައް ނަގާ، ގަވާއިދުން ބިންމަތި ޑިސްއިންފެކްޓު ކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން މިސްކިތަށް ނަމާދު ކުރަން ދާން ޖެހޭނީ ވުޟޫކޮށް، މާސްކު އަޅައިގެންނެވެ. އަދި ނަމާދު ކުރާ އިރު އެކަކު އަނެކަކުގެ މެދުގައި ހަ ފޫޓުގެ ދުރުމިން ބެހެއްޓުމަށާއި އެގޮތަށް ދުރުމިން ފާހަގަކޮށްފައި ހުންނަން ޖެހޭ ކަމަށް ސަރުކާރުން ނެރުނު ގަވާއިދުތަކުގައިވެ އެވެ.
ޕާކިސްތާނުގެ ސަރުކާރުން ވަނީ ވައިރަހުގެ ކޭސްތައް އިތުރުވެއްޖެ ނަމަ ނުވަތަ ގަވާއިދުތަކަށް މީހުން އަމަލު ނުކުރާނަމަ ޖަމާއަތުގައި ނަމާދު ކުރުން އަނެއްކާ ވެސް މަނާ ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޕާކިސްތާނުގައި މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 168 މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރެވޭނީ ގިނަވެގެން ފަސް މީހުންނަށް ކަމަށް މިދިޔަ މަހުގެ ފަހުކޮޅު ކަނޑައެޅި ނަމަވެސް އެގަވާއިދަށް އަމަލު ކުރަން ގިނަ ބަޔަކު ދަނީ ދެކޮޅު ހަދަމުންނެވެ.