20 Apr 2020, 10:50
ހއ. އުލިގަމުން ކޮރޯނާ އަށް ޕޮޒިޓިވްވި މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށައިފިއެވެ.
އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު ވިދާޅުވީ ބަލި މީހާ ޓްރާންސްފާ ކުރުމަށް ސީޕްލޭނެއް މިހާރު އެރަށަށް ދަތުރު ކުރަމުންދާ ކަމަށެވެ.
އޭނާގެ ހާލު އާންމުގޮތެއްގައި ރަނގަޅު ކަމަށް މުއާޒު ވިދާޅުވިއެވެ. ނަމަވެސް ރަށުން މީހަކު ބައްޔަށް ޕޮޒިޓިވް ވުމުން ރައްޔިތުންގެ ކަންބޮޑުވުން އެބަހުރިކަން އޭނާ ފާހަގަ ކުރެއްވިއެެވެ.
އުލިގަމުން އިއްޔެ ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ މާލެއިން އެރަށަށް ދިޔަ މީހެކެވެ. އޭނާ ރަށަށް ގޮސް ހުރީ ސެލްފް އައިސޮލޭޝަންގައި ކަމަށާއި ބޭރަށް ނިކުމެ އުޅެފައި ނުވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އުލިގަމުން މީހަކު ކޮރޯނާ އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް އޮތީ ލޮކްޑައުން ކޮށްފައެވެ.
އުލިގަމުން ޕޮޒިޓިވްވި މީހާގެ 131 ކޮންޓެކްޓުން ހޯދިފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނެފައިވާއިރު އޭނާ ރަށަށް ދިޔަ ބޯޓުން ދަތުރުކުރި އެހެން މީހުން ފޭބި ރަށްތައް ހޯދުމުގެ މަސައްކަތް ފަށައި، އެ ރަށްތައް ވެސް ވަނީ މޮނިޓަރިން އަށް ގެންގޮސްފައެވެ.
މިހާތަނަށް ރާއްޖެއިން 52 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 16 މީހަކު ވަނީ ރަނގަޅުވެފައެވެ. އިއްޔެ ބައްޔަށް ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި 14 ބަންގްލަދޭޝް ރައްޔިތުންނާއި، އިންޑިއާގެ ދެ ރައްޔިތުން ވެސް ހިމެނެއެވެ.
އެންއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ޕޮޒިޓިވްވި ބަންގްލަދޭޝްގެ 13 މީހުންނަކީ ލިލީ އެންޓަޕްރައިސަސްގައި މަސައްކަތް ކުރާ ބައެއް ކަމަށާއި އެ އެންމެން ނިދައި ހަދަނީ އެއް ތަނެއްގައެވެ.
މި 13 މީހުންނަކީ ޕޭޝަންޓް 27 އާ ގުޅުންހުރި މީހުންނެވެ. ޕޭޝަންޓް 27 އަކީ ލިލީގެ ހޯލް ސޭލް ބައިގައި މަސައްކަތް ކުރަމުން އައި، ދިވެހި އަންހެން މުވައްޒަފެކެވެ.
މިއަދު ވަނީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ދެމީހަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައެވެ. އެމީހުންގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް އިިރު، އެމީހުންނަކީ މާލެއިން ޕޮސިޓިވްވި ކޭސް 28 އާ ގުޅުން ހުރި ކޮންޓެކްޓްސް އެވެ.
އިންޑިއާގެ ދެމީހުންނަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ އޭސީ މަރާމާތު ކުރުމުގެ ހިދުމަތް ދޭ ދެ ޓެކްނީޝަނުންނެވެ.