20 Apr 2020, 07:57
ބަލި މީހުންގެ ފޮޓޯ އާންމުކުރުމުގެ ހައްގު ލިބިގެންވަނީ، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ކަމަަށާއި އެހެން ބަޔަކު ބަލި މީހުންގެ ފޮޓޯ އާންމު ކުރާ ނަމަ، ފުލުހަށް މަސައްލަ ހުށަހަޅާނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
މާލެއިން ކޮރޯނާވައިރަސްގެ ކޭސްތައް ފެނުމާ އެކު، އެ ވައިރަސް ޖެހުނު މީހުން ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ދަނީ ބައެއް މީހުންގެ ފޮޓޯތައް އާންމު ކުރަމުންނެވެ.
ރޭ ދަރުބާރުގޭ، އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ބައެއް ޕޮޒިޓިވްވެފައިވާ މީހުންގެ ފޮޓޯ ނުވަތަ އެމީހުން ކަމަށް ހީކޮށް އެހެން މީހުންގެ ފޮޓޯ ޝޯޝަލް މީޑިއާގައި އަދި ވެސް އާންމު ކުރަމުންދާ ކަމަށެވެ. މިއީ ވަރަށް ދެރަ މައްސަލައެއް ކަމަށާއި ތަކުރާރުކޮށް، މިކަން ނުކުރުމަށް ކިިތަންމެ ފަހަރަކު ދެންނެވިއްޖެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެގޮތަށް އާންމުވެފައިވާ ފޮޓޯތަކުގެ ތެރޭގައި ޕޮޒިޓިވް ނުވާ މީހުންގެ ފޮޓޯތައް ވެސް ދައުރު ކޮށްފައިވާ ކަމަށް ނަޒްލާ ފާހަގަ ކުރެއްވި އެވެ.
"ތިޔަ ބޭފުޅުން ވެސް ބޭނުން ނުވާނެ ކަންނޭގެ ތިޔަ ބޭފުޅުންގެ ފޮޓޯ މާދަމާ ފޭސްބުކުގައި މީހަކު ޝެއާކޮށްފައި، މިއީ އޭ ޕޮޒިޓިވްވި މީހާއޭ ބުނާކަށް. އަޅުގަނޑުމެންގެ ތެރޭއި އެއްވެސް މީހަކު އެގޮތަށް ބޭނުން ނުވާނެ. ތިމާއާއި ތިމާއާލާގެ މީހަކަށް އެހެންވާކަށް ބޭނުމެއް ނުވާނެ. އެހެންވީމަ ކީއްވެގެންތޯ އެހެން މީހެއްގެ އާއިލާގެ މީހެއްގެ ފޮޓޯ ޝެއާ ކުރައްވަންވީ،" ނަޒްލާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ ---
ނަޒްލާ ވިދާޅުވީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ދަށުން ވެސް އެބާރު ލިބެނީ ހާއްސަ ހާލަތްތަކުގައި ޑައިރެކްޓަރު އޮފް ޕަބްލިކް ހެލްތަށް ކަމަށެވެ.
"އެހެން މީހުން އެކަން ކުރަންޏާ އެކުރަނީ ކުށެއް. އެކަން އަޅުގަނޑުމެންނަށް ފެންނަ ނަމަ، ޕޮލިހަށް ވެސް ރިޕޯޓު ކުރާނަން،" ނަޒްލާ ވިދާޅުވި އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ށ)ގެ ދަށުން، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް މީހެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ފެންނަ ހިނދެއްގައި އެކަން ކުރުމުގެ ބާރު އޭނާއަށް ލިބިގެންވެ އެވެ. ނަމަވެސް އެކަން ކުރެވޭނީ އެކަން ކުރުމުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލު ކުރަންވީ ގޮތުުގެ ގަވައިދެއް އެކުލަވާލައިގެން ކަމަށް އެ މާއްދާގެ (ނ)ގައިވެ އެވެ.
އެ ގަވައިދު އެކުލަވާލާފައި ވަނީ، މިމަހުގެ 17 ވަނަ ދުވަހު އެވެ. ގަވައިދުގައި ބަޔާންކޮށްފައި ވަނީ، އާންމު ސިއްހަތަށް ނުރައްކާތެރިވާ ހާލަތެއްގައި ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކޮށް، އާންމުކޮށް އިއުލާނު ކުރުމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލު ކުރާނެ ގޮތުގެ އުސޫލުތަކެވެ.
އެ ގަވައިދުގައިވާ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ޓަކައި ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި، ވަކި ފަރާތެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ހާލަތެއްގައި އާންމުކޮށް މީހެއްގެ ނަމާއި، އެޑްރެހާއި، ވަޒީފާ އަދާ ކުރާ ތަނާއި، ފޮޓޯ އާއި، އެ މީހާގެ ގައުމާއި، ޖެހިފައިވާ ބަލީގެ މައުލޫމާތު ހާމަ ކުރެވޭނެ އެވެ.
ނަޒްލާ ވެސް ވިދާޅުވި ފަދައިން އެ ގަވައިދުގައި ބުނާގޮތުން އެބާރު ލިބިގެންވަނީ، ޑައިރެކްޓަރު އޮފް ޕަބްލިކް ހެލްތަށެވެ.