19 Dec 2011, 12:56
ދިރާގުން ބުލެކްބެރީގެ ހިދުމަތް ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
މީގެ އިތުރުން މައިކްރޯ ސޮފްޓް އެސްޗޭންޖް އަދި ގޫގްލް އެޕްސް ބިޒިނަސް ވެސް މިއަދު ތައާރަފް ކުރި އެވެ.
އެ ހިދުމަތްތައް މިއަދު ތައާރަފްކޮށްދެއްވީ ދިރާގުގެ ޑައިރެކްޓަރު މާކެޓިން އަހުމަދު މައުމޫން އެވެ.
ހިދުމަތްތައް ތައާރަފްކޮށްދެއްވަމުން މައުމޫން ވިދާޅުވީ އެ ހިދުމަތަކީ ހާއްސަކޮށް އޮފީސްތަކާއި ކުދި ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބިގެން ދާނެ ހިދުމަތެއް ކަމަށާއި އެ ހިދުމަތްތަކުގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބުލެކް ބެރީގެ ހިދުމަތް މިއަދު ތައާރަފް ކުރީ އެ ހިދުމަތް މިގެކުރިން އެ ކުންފުނީގެ ފަރާތުން ޓެސްޓް ކުރުމަށް ފަހު ކަމަށާއި އެހިދުމަތްދޭ އިރު ބުލެކްބަރީގެ ތިން ހިދުމަތެއް ދިރާގުން ތައާރަފްކޮށްފައިވާ ކަމަށެވެ. އެތިން ޕެކޭޖަކީ ބުލްކެ ބެރީ އިންޓްރޯ އާއި ބުލެކް ބަރީ ޕްރީމިއަމް އަދި ބްލެކް ބެރީ ޕްރީމިއަމް ޓޫގެ ހިދުމަތެވެ.
ދިރާގުން މިއަދު ތައާރަފް ކުރި ބުލެކްބަރީގެ ޕެކޭޖަތަކަށް އަގުނަގާނެ މިންގަނޑުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އޭގެތެރޭގައި ހިމެނޭ އިންޓްރޯޕެކޭޖް ބޭނުންކުރާ ނަމަ 490 ރުފިޔާ މަހަކު ދެއްކުމަށް ފަހު ޗާޖްކުރާނީ ކިލޯބައިޓަކަށް އެއްލާރި އެވެ. ދެ ވަނަ ޕެކޭޖް ބްލެކްބެރީ ޕްރީމިއަމްގައި 590ރ. ދައްކައިގެން 700 އެމް ބީ ފްރީކޮށްފައިވާ އިރު އިތުރުވާ ކޮންމެ ކިލޯބައިޓަކަށް އެއްލާރި ނަގާނެ އެވެ. ތިން ވަނަ ޕެކޭޖް ބްލެކްބަރީ ޕްރީމިއަމް ޓޫ ބޭނުންކުރާ ފަރާތަކުން މަހަކު 710 ރުފިޔާ ދައްކަން ޖެހޭ އިރު އެއް ޖީބީގެ ޑޭޓާ އެލެވަންސް ދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ބްލެކްބަރީގެ މިއިން ކޮންމެ ހިދުމަތެއް ދިނުމަށް ސެޓަޕްފީގެ ގޮތުގައި 200 ރުފިޔާގެ ޗާޖެއް ނަގާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ބުލެކް ބެރީގެ ހިދުމަތްދޭ އިރު ދިރާގުގެ ކަސްޓަމަރުން ބޭނުންކުރާ ޕޯސްޓް ޕެއިޑް ޕެކޭޖަށް ބަދަލެއް ނުގެނެސް ހަމައެކަނި އިތުރަށް "އެޑް އޮން" ޕެކޭޖެއްގެ ގޮތުގައި އެހިދުމަތް ލިބިގެން ދާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ ބްލެކް ބެރީގެ ހިދުމަތުގެ އިތުރަށް މައިކްރޯސޮފްޓާ އެކު އެކްސްޗޭންޖް ސާވިސް އާއި ގޫގޫލް އެޕްސް ފަރުމާކޮށްފައި ވަނީ ދިރާގުގެ ކަސްޓަމަރުންނަށް ވަރަށް ފަސޭހަ އިން ބޭނުން ކުރެވޭނެ ހިދުމަތެއް ގޮތުގައި ކަމަށެވެ.
"މީގައި ކަސްޓަމަރުންނަކަށް އަމިއްލަ އަށް ޓެކްނިކަލް ސޮލިއުޝަން ހޯދުމަށް ތަކްލީފް އުފުލަން ނުޖެހި ދިރާގުން ފުލް އީމެއިލް ހޮސްޓިން ގް ވެސް ލިބޭނެ،" މައުމޫން ވިދާޅުވި އެވެ.
ދިރާގުން ބުނީ މިހިދުމަތްތައް ރާއްޖޭގައި ދިރާގުގެ ހިދުމަތްދޭ ހުރިހާ ސަރަހައްދުތަކުން ވެސް މިހިދުމަތްތަށް ލިބޭނެ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: