ކޮވިޑް19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައި ތަފާތު ޕޭޖުތައް ހަދައިގެން މަކަރުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ފޭކު ޕޭޖުތައް ހަދައިގެން، މަކަރުން ފައިސާ ހޯދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަަމަށެވެ. އެހެން ނަމަވެސް ޕޭޖުތަކުގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ މި ދަނޑިވަޅުގައި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ފުރުސަތު ހަނިކުރުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ދެއްވާ އޯޑަރުތަކަށް ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކެވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފޭކު ނަންބަރުތަކުން ގުޅައި، އެކައުންޓަކަށް ފައިސާ ޖަމާކުރުމަށާއި ކާޑުގެ މައުލޫމާތާއި ސެކިއުރިޓީ ކޯޑު އަދި ޕިން ހޯދައިގެން ވައްކަން ކުރުމަށް މަސައްކަތް ކުރަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ވެސް ފުލުހުން މީގެކުރިން ވަނީ އެދިފައެވެ.

ފުލުހުން މިއަދު ބުނީ ބޭންކް މުވައްޒަފުން ކަމަށް ބުނެ އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅައި، ބެންކުގެ މައުލޫމާތު ހޯދައި ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ބޭންކުގެ ނަމުގައި މީހުންނަށް ގުޅާ ނަންބަރެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނީ 7207438 ނަންބަރަކީ މަކަރުން ފައިސާ ހޯދަން ގުޅާ ނަންބަރެއް ކަމަށާއި، އެ ނަންބަރުން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ފުލުހުން ބުނީ ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.

މާފުށި ޖަލުގައި އެކަން ކުރަމުން އަންނަ ކަމަށާއި، މި ފަހުން ވެސް ފްރޯޑް ކޯލް ކުރުމަށް ބޭނުންކުރި ގިނަ އަދަދެއްގެ ސިމްް ކާޑުތަކެއް ބްލޮކް ކޮށްފައިވާނެ ކަމަށެވެ.