19 Apr 2020, 23:39
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން، ބަންގްލަދޭޝްގެ 70 ރައްޔިތަކު އަނބުރާ ގައުމަށް ފޮނުވާލަން ތައްޔާރުވެފައިިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމީހުން އަނބުރާ ގައުމަށް ގެންދިއުމާ މެދު ބަންގްލަދޭޝް ސަރުކާރާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އެމީހުން ފޮނުވާލަން ނިންމާފައި ވަނީ މާދަމާ އެގައުމަށް ރާއްޖެ އަންނަ ފްލައިޓުގައި ކަމަށެވެ.
ނޭޕާލް އަދި ބަންގްލަދޭޝްގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއަށް ރާއްޖެއަށް އައުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ދަރިވަރުން ގޮވައިގެން މާދަމާ ބަންގްލަދޭޝްގެ މިލިޓަރީ ފްލައިޓެއް ރާއްޖެ އަންނާނެއެވެ.
ޝާހިދު ވަނީ މިކަން ހަމަޖައްސަވައިދެއްވި ކަމަށްޓަކައި، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފައެވެ.
ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދިއުމަށް އެހީތެރިވާން ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި އެދުނީ މި މަހުގެ ކުރީކޮޅުއެވެ.
އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ އެވެ. އަދި އޭގެ ތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން 31،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަަނަށް ވަނީ ރަޖިސްޓްރީވެފައެވެ.
ރާއްޖޭގެ އާބާދީގެ 25 ޕަސެންޓު ހިއްސާކުރަނީ ބިދޭސީ މަސައްކަތްތެރިން ކަމަށާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ރާއްޖޭގައި ކޮވިޑް19 ފެތުރިއްޖެނަމަ ބަލީގެ ނުރައްކާ އެންމެ ބޮޑީ އެމީހުންނަށް ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ވެސް ވަނީ ބުނެފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ 15 މީހަކު ހިމެނެއެވެ.