19 Apr 2020, 22:43
މަގުމައްޗަށް ނުކުމެގެން މިއަދު އެކަނި މާލޭ ސިޓީން 78 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ އިރުއްއްސި 6:30ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ބައްދަލުވުމަށްފަހު، މަގުމައްޗަށް ނުކުމެ އުޅޭ މީހުން ނަސޭހަތް ދިނުމެއް ނެތި ޖޫރިމަނާ ކުރަމުންދާނެ ކަމަށެވެ.
ފުލުހުން މިރޭ ހާމަ ކުރި ތަފާސް ހިސާބުތަކުން 78 މީހަކު ވަނީ މިއަދު އެކަނި މާލެ ސިޓީން ޖޫރިމަނާކޮށްފައެވެ.
ފުލުހުން މަގުމަތީގައި އުޅޭ މީހުން ޖޫރިމަނާ ކުރަމުންދަނީ، 1،000 ރުފިޔާއަށެވެ.
އެންއައިއޯސީގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅަޅުވީ، މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ދެން ނަސޭހަތް ނުދޭނެ ކަމަށާއި ވަގުތުން އެފަދަ މީހުން ޖޫރިމަނާކުރަން ފަށާނެ ކަމަށެވެ.
މަންނާން ވިދާޅުވީ، މީގެ ފަހުން ހުއްދަ ދޭނީ، ޒަރޫޒީ ބޭނުމެއްގައި ކާބޯތަކެތި ގަތުމަށް ވަކި ވަގުތަކަށް ފުލުހުން ދޭ ހާއްސަ ހުއްދައާއި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތަށް ދޭ ހުއްދަ އެކަނި ކަމަށެވެ. އެނޫން ބޭނުންތަކަށް ދެން ހުއްދަ ނުދޭނެ ކަމަށް ފުލުހުން ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފަރޫޝް ވިދާޅުވީ، ރެއާ ހަމައަށް 39 ފަރާތެއް ޖޫރިމަނާ ކޮށްފައިވާނެ ކަމަށާއި، އަދި ގަވާއިދާއި ހިލާފުވެގެން މީހަކު ހައްޔަރު ކުރެވިފައި ނުވާ ކަމަށެވެ ކާބޯތަކެތި ގަތުމަށް ދޭ ހުއްދައިގެ ދަށުން އެމީހަކު އެ ތަކެތި ގަތުމަށް ދާން ޖެހޭނީ ހިންގަވާފައި ކަމަށާއި ދުއްވާއެއްޗެހި ނުދުއްވޭނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.
މިރޭ ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިއަދު އެކަނި ޑެލިވަރީ ކުރުމަށް 279 ފަރާތަކަށް ވަނީ ހުއްދަ ދީފައެވެ. އަދި ލޮކްޑައުންއަށް ފަހު މިހާތަނަށް 3،469 ފަރާތަަކަށް ހުއްދަ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.