މިއަދު ހއ. އުލިގަމުން ކޮވިޑް19 އަށް ޕޮޒިޓިވްވި، ކޭސް52 އާ ބައްދަލުވި 131 މީހަކު މިހާތަނަށް ހޯދިފައިވާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އުލިގަމުން ކޮވިޑް19ގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރީ އެ ރަށު މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން ހާމަކޮށްފައި ވަނީ މިރޭ ހަތެއް ޖަހަން އުޅެނިކޮށެވެ.

އެންއީއޯސީގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ކޭސް52 ގެ ނަތީޖާ ލިބުމާ ހަމައަށް އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 131 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

އުލިގަމުން ބައްޔަށް ޕޮޒިޓިވްވީ މި ފަހުން މާލެ އައިސް، އެ ރަށަށް ދިޔަ މީހެކެވެ. ކަނޑު ބޯޓެއްގައި އެމީހާ އުލިގަމަށް ދިޔައީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އެއާއެކު އެމީހާ ދަތުރުކުރި ބޯޓުން ދަތުރުކުރި އެހެން މީހުން ފޭބި ރަށްތައް ހޯދުމުގެ މަސައްކަތް ފަށައި، އެ ރަށްތައް ވެސް ވަނީ މޮނިޓަރިން އަށް ގެންގޮސްފައެވެ.

ކޭސް52 ގެ އިތުރުން، މިއަދު ޕޮޒިޓިވްވި އިތުރު ކޭސްތަކުގެ ކޮންޓެކްޓުންގެ އަދަދުތައް ވެސް މިރޭ ވަނީ ހާމަކޮށްފައެވެ.

ކޭސް35:މިހާތަނަށް 45 ކޮންޓެކްޓް ވަނީ ހޯދިފައި

ކޭސް36: ހަތަރު ކޮންޓެކްޓުން. ނަމަވެސް އިތުރު 200 އެއްހާ މީހުން އިތުރަށް ބަލައި ތަފްސީިލް ހޯދަން ޖެހޭ

ކޭސް37 ން ކޭސް49:މިހާތަނަށް މި 13 ކޭސްގެ މި ތޭރަ ކޭސްގެ 68 ކޮންޓެކްޓުން ހޯދިފައިިވޭ

ކޭސް50 އަދި ކޭސް51:މިހާތަނަށް 50 ކޮންޓެކްޓުން ވަނީ ހޯދިފައި

ޑރ. ނަޒްލާ ވިދާޅުވީ މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓުންގެ ތެރޭގައި ކްލަސްޓާތަކުގެ ތެރެއިން މީގެ ކުރިން ހޯދިފައި ހުރި ކޮންޓެކްޓުން ނުގުނާ ކަމަށެވެ. އެއީ އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވެސް މިވަގުތު އައިސޮލޭޝަންގައި ތިބުމުން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 52 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 16 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިއަދު ބައްޔަށް ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި 14 ބަންގްލަދޭޝް ރައްޔިތުންނާއި، އިންޑިއާގެ ދެ ރައްޔިތުން ވެސް ހިމެނެއެވެ.

އެންއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ޕޮޒިޓިވްވި ބަންގްލަދޭޝްގެ 13 މީހުންނަކީ ލިލީ އެންޓަޕްރައިސަސްގައި މަސައްކަތް ކުރާ ބައެއް ކަމަށާއި އެ އެންމެން ނިދައި ހަދަނީ އެއް ތަނެއްގައެވެ.

މި 13 މީހުންނަކީ ޕޭޝަންޓް 27 އާ ގުޅުންހުރި މީހުންނެވެ. ޕޭޝަންޓް 27 އަކީ ލިލީގެ ހޯލް ސޭލް ބައިގައި މަސައްކަތް ކުރަމުން އައި، ދިވެހި އަންހެން މުވައްޒަފެކެވެ.

މިއަދު ވަނީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ދެމީހަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައެވެ. އެމީހުންގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް އިިރު، އެމީހުންނަކީ މާލެއިން ޕޮސިޓިވްވި ކޭސް 28 އާ ގުޅުން ހުރި ކޮންޓެކްޓްސް އެވެ.

އިންޑިއާގެ ދެމީހުންނަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ އޭސީ މަރާމާތު ކުރުމުގެ ހިދުމަތް ދޭ ދެ ޓެކްނީޝަނުންނެވެ.