19 Dec 2011, 12:19
އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލްމަޖީދު އަބްދުލް ބާރީއަށް ރުހުންދޭން ނުފެންނަ ކަމަށް، ކޮމިޓީން ނިންމައި އެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ އަށް ހުށަހަޅުއްވައިފި އެވެ.
ޑރ. މަޖީދަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުން ނިންމުމަށް ޓަކައި މަޖީދުގެ ނަން ދިރާސާކުރުމަށް ފަހު ސަރުކާރުގެ މަސްއޫލިއްޔަތުއަދާކުރާ މިންވަރުބަލާ ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒު ވިދާޅުވީ ޑރ. މަޖީދަށް ރުހުންދޭން ނުފެންނަ ކަމަށް ކޮމިޓީގެ އަޣްލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް މަޖިލީހުން ގޮތެއް ނިންމުމަށް ކޮމިޓީގެ ރިޕޯޓް ހުށަހެޅުއްވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ރިޕޯޓަށް ބަހުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުސަތުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީން ވަނީ ޑރ. މަޖީދަށް ރުހުން ނުދިނުމަށް ކޮމިޓީން ފާސްކުރި ފާސްކުރުމަށް ތާއީދު ކޮށްފަ އެވެ. ނަމަވެސް އަމިއްލަ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތަމްސީލް ކުރައްވާ އިދިކޮޅު ޕީޕީއެމްގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ބުނީ މަޖީދަށް ރުހުން ދިނުމާ މެދު އަދި ވަކި ގޮތެއްނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް މަޖީދަށް މަޖިލީހުން ރުހުން ދިނުމަށް އެދި އެމްޑީޕީން ވަނީ ވާހަކަ ދައްކައިފައި ކަމަށެވެ.
މަޖީދަށް ރުހުންދޭން ނުފެންނަ ކަމަށް ތާއީދު ކުރައްވައި ޑީއާރުޕީގެ ފަރާތުން ވާހަކަ ދެއްކެވި ކެލާ ދާއިރާގެ މެންބަރު ޑރ. އަބުދުﷲ މައުސޫމު ވިދާޅުވީ ވަޒީރުން ކުރައްވާ ހުވައިގެ މަތީގައި ދެމި ހުރުމަކީ މުހިއްމުކަމެއް ކަމަށާއި ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ތެރެއަށް ސިޔާސީކަންކަން ވަދެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީ އަށް ސިޔާސީ ކަންކަން ވަދެފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
"ވަޒީރުންގެ ޒިންމާތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގްވާމީ ކަންކަމުގައި ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ވާނެ ކަމަށް ގާނޫނު އަސާސީގައި ބުނޭ. ނަމަވެސް މި ދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކިއެކި ސިޔާސަތުތައް އެކަށައަޅައި ހާމަވެގެންދިޔަ ގޮތުން އެނގޭ ސިޔާސީ ކަންކަން އިސްލާމިކް މިނިސްޓްރީތެރެ އަށް ވަދެފައިވާކަން. އަދި ވަޒީރުންނަށް އިސްތިއުފާދެވެން އޮންނަ އިރު ފެނިގެންދިޔައީ ވަރަށްކުޅޭ ކުޅޭ ގޮތެއްގައި، މަޖީދު އިސްތިއުފާ ދެއްވާފައި މަގާމާ ހަވާލުވެވަޑައިގަންނަވަމުން ގެންދަވާ މަންޒަރު. ވަޒީރުން ނަމޫނާ ބަޔަކަށްވާން ޖެހޭ،" މައުސޫމު ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި އިދިކޮޅު ޕީޕީއެމްގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ރައީސް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ ގައުމީ ޕާޓީންނާއި ޖޮއިންޓް ޕާލަމެންޓު ގްރޫޕުން އެކަމާ މެދު މިއަދު ވޯޓު ނެގުމުގެ ކުރިން ގޮތެއް ނިންމަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދުގެ ސަރުކާރަކީ ލާދީނީ ކަންކަމަށް ބާރުއަޅައި އިސްލާމްދީން ފޮހެލުމަށް މަސައްކަތްކުރަމުންދާ ސަރުކާރެއް ކަމަށެވެ.
އަމިއްލަ މެންބަރުންގެ ތެރެއިން އެ މައްސަލައަށް ވާހަކަ ދެއްކެވި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވެސް ވިދާޅުވީ ޑރ. މަޖީދު ފެއިލްކޮށްލުމަމީ ބޭނުންވާގޮތް ނޫން ކަމަށާއި ނަމަވެސް ޑރ. މަޖީދަކީ ޒިންމާ އުފުއްލެވޭ ބެފުޅެއްތޯ ބަލަން ޖެހޭ ކަމަށާއި ދީނީ ކަންކަމުގައި ސަރުކާރުން ކުރާ ނޭދެވޭ ކަންކަން ކުށްވެރި ކުރުމުގެ ބަދަލުގައި މަޖީދު މަސައްކަތް ކުރައްވާފައި ވަނީ ސަރުކާރު ދިފާއު ކުރައްވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑރ. މަޖީދު ފެއިލްކޮށްލަން ވޯޓުދޭން ވަރަށް ދަތި. ނަމަވެސް ހިނގާ ދިޔަ ކަންކަމުގެ ޒިންމާ ބާރީ ނަގާފައި ވަނީ ކިހާވަރަކަށްތޯ ބަލަންޖެހޭ. ޕިއްލޭ ކަންތަކުގައި ވެސް މަޖިލިސް ބަދުނާމުކޮށް ވަނީ ބަޔާނެއް ނެރެފައި. ސަރުކާރުންކުރާ އެއްވެސްކަމެއް ގޯސްވެގެން ވާހަކައެއް ނުދައްކަވާ. މީ އަޅުގަނޑުމެން ސުވާލު ކުރަންޖެހޭ ކަމެއް. އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ އެމަނިކުފާނަކީ ރާއްޖޭގެ ހުރިހާ އިލްމުވެރިންނާއި ރައްޔިތުން އެހާ އިހްތިރާމް ކުރައްވާ ބޭފުޅަކަށްވާތީ އެމަނިކުފާނު ހުންނަވާނީ މި ފާހިޝް، މުޑުދާރު ކަންތައްތަކާ ދުރުވެ ރައްކާތެރިކަމާ ރައްޔިތުންގެ ލޯތްބާއި އިހްތިރާމާއެކީކަމަށް. ނަމަވެސް މި ފެނިގެންދިޔައީ އެގޮތަކަށްނޫން،" މުއްތަލިބު ވިދާޅުވި އެވެ.
އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ހުޅުގެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ ޑރ. މަޖީދު މިނިސްޓަރު ކަމުގައި ހުންނަވައިގެން ވޭތުވެ ދިޔަ ތާނގައި ވެސް މަސައްކަތްކުރައްވާފައި ވަނީ ވަރަށް އިހްލާސްތެރިކަމާއެކުގައި ކަމަށެވެ. އަދި ތިމަންނާއަކީ ދީނީ ދަންނަބޭކަލެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްހާ މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ އިރު އިސްލާމީ މި ދައުލަތުގައި ކަންކަމާ މެދު ޖަވާބުދާރީވެ އިލްސާމީ ވެރިންނާ އެކު ވާހަކަ ދެއްކެވުމަށް ޑރ. މަޖީދުފަދަ އިލްމުވެރިއެއްގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މަޖީދަށް މަޖިލީހުން ރުހުން ދެއްވުމަށް ވެސް މޫސަ އެދިވަޑައިގެންނެވި އެވެ.
"ރައީސް ނަޝީދު އަބަދު ވެސް ވިދާޅުވޭ ތިމަންނާއަކީ ދީނީ ދަންނަބޭކަލަކަށް ނުވާތީ އިސްލާމީ މި ދައުލަތުގައި ނިންމަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރުމުން ކަމަށް ގާބިލް ބޭފުޅަކު ސަރުކާރުގެ ފަރާތުން އެކަންކަމުގައި ޖަވާބުދާރީވުމަކީ ވަރަށް ބޭނުންތެރިކަމެކޭ. އެހެންވީމަ ވަރަށްއެދެން މަޖީދަށް ރުހުން ދެއްވުމަށް،" މޫސަ ވިދޅާވި އެވެ.