19 Apr 2020, 21:03
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް މާލެ އިން ޕޮޒިޓިވް މީހުންގެ ތެރެއިން ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ނުދިން މީހާ މިހާރު ކަމާ ބެހޭ ފަރާތްތަކަށް އެކަމުގައި އެއްބާރުލުން ދޭން ފަށައިފި އެވެ.
މިއަދު މެންދުރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޭއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިން ހެދުމަށް ޕޮޒިޓިވްވި އެކަކުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. އެ މީހާ އެއްބާރުލުން ނުދޭ ނަމަ މިރޭގެ ވަގުތެއްގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އޭނާގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމު ކުރާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މީހާގެ ނަން އެހާތަނަށް އާންމުކޮށްފައި ނުވަނީ ކީއްވެތޯ "ސަން"އިން ސުވާލު ކުރުމުން މަބްރޫކު ވިދާޅުވީ، އޭނާގެ ނަން ހާމަ ކޮށްފައި ނުވަނީ އެ މީހާ އެއްބާރުލުންދީ މައުލޫމާތު ދޭން ފަށާފައިވާތީ ކަމަށެވެ.
"ތިޔަ ކަމުގެ ސީދާ ޖަވާބަކީ [އޭނާ] އަޅުގަނޑުމެންނަށް އެއްބާރުލުން ދޭން ފަށައިފި އަދި އަޅުގަނޑުމެން ހޯދަން ބޭނުންވި ތަފްސީލުތައް ވެސް ދަނީ ލިބެމުން،" މަބްރޫކު ވިދާޅުވި އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މަބްރޫކާއި ޑރ. ނަޒްލާ ރަފީގު ވަނީ ޕޮޒިޓިވްވާ މީހުންނާ ގުޅޭ ގޮތުން ޔަގީން ނުކުރެވޭ ވާހަކަތައް ދައްކައި، ކަމާ ނުގުޅޭ ފަރާތްތަކަށް ވެސް ބަލި ޖެހިފައިވާ ކަމަށް ބުނެ މީހުން ސޯޝަލް މީޑިއާގައި ވާހަކަ ފަތުރާކަން ފާހަގަކޮށްފަ އެވެ. އެފަދަ ވާހަކަތައް ނުފަތުރަން އެ ދެ ބޭފުޅުން މިރޭ ވެސް ތަކުރާރުކޮށް އިލްތިމާސްކުރެއްވި އެވެ.
ރާއްޖޭ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ނުވެ ދުވަސްތަކަކަށް ފަހު މިދިޔަ ބުދަ ދުވަހު މާލެއިން މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ޓްރެވަލް ހިސްޓްރީއެއް ނެތް އެ މީހާއަށް ފަހު، ފަސް ދުވަހުގެ ތެރޭގައި ވެރިރަށް މާލެ އިން ކޮވިޑް-19 އަށް ވަނީ 31 މީހަކު ޕޮޒިޓުވް ވެފަ އެވެ. އަދި ހއ. އުލިގަމުން ވެސް އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިހާރު މުޅި މާލެ ލޮކްޑައުންކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި ޝައްކު ކުރެވޭ މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.