19 Apr 2020, 21:29
ކޮވިޑް-19ގެ ފަރުވާއަށް ބޭނުންކުރަން ސަރުކާރުން ހޯދަން އިއުލާނުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން ހަ ވެންޓިލޭޓަރު ލިބިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިއަދު ލިބިފައިވަނީ ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރުތަކެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ހޯދަނީ 135 އައިސީޔޫ ވެންޓިލޭޓާ އަދި 14 ޓްރާންސްޕޯޓަބަލް ވެންޓިލޭޓާ. މީގެ ތެރެއިން ޓްރާންސްޕޯޓަބަލް ހަ ވެންޓިލޭޓަރު މިއަދު ރާއްޖެއަށް އައިސްފި."
މީގެ އިތުރުން މެޑްޓެކް އަދި ނާޑުގެ ވެންޓިލޭޓަރުތަކުގެ ތެރެއިން އެއްބައި، މި މަހުގެ 21-22 ހިސާބުގައި ލިބޭނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މެޑްޓެކުން ގެންނަ 18 ވެންޓިލޭޓަރު ލިބޭނެ ކަމަށް މައުލޫމާތު ލިބިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށާއި ނާޑުން ގެންނަ 20 ވެންޓިލޭޓަރު މި މަހުގެ 28 ވަނަ ދުވަހު ލިބޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ 97 ވެންޓިލޭޓަރާއި 77 އައިސީޔޫ އެނދުގެ ޖާގަ މިހާރު ވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ އަތުގައި ހުރި ވެންޓިލޭޓަރުތަކުގެ ބޮޑު ބައެއް މިކަމަށް [ކޮވިޑް19ގެ ފަރުވާއަށް] ބޭނުން ކުރެވޭނެ. އިތުރު ޕޭޝަންޓުން އެހެން ކަންތައްތަކަކަށް ބޭނުން ނުވެ ހުންނަ ހުރިހާ ވެންޓިލޭޓަރެއް ބޭނުންކުރާނީ މި މަސައްކަތަށް." މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 52 އަށް ވަނީ އަރާފަ އެވެ. އޭގެ ތެރެއިން 31 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި ދެން ހުރި މީހާ ޕޮޒިޓިވްވެފައިވަނީ ހއ. އުލިގަމުންނެވެ.