ކޮވިޑް-19 ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތުގެ ތަމްރީނު ސިފައިންނަށް ދީފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް "ސަން" އަށް މިއަދު ވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ ތަމްރީނުގައި އެމްއެންޑީއެފްގެ ފަރާތުން ކަނޑައެޅި 15 ސިފައިން ބައިވެރިވެފައިވާ ކަމަށެވެ.

އަފްރާހް ވިދާޅުވީ ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވެއްޖެނަމަ، އެމީހެއްގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިނެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

އަދި މި ގައިޑްލައިން އެކުލަވާލީ ޑޮކްޓަރުންނާއި، ދީނީ އިލްމުވެރިން ވަރަށް ބޮޑަށް މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. މިއަދު ކުރިއަށް ދިޔަ ތަމްރީނުގައި، ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެގޮތް ކިޔައިދެއްވީ އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންނެވެ.

އަފްރާހް ވިދާޅުވީ ބަލި ޖެހިގެން މަރުވާ މީހުން ހިނެވުމުގައި ފެން ބޭނުން ނުކުރާނެ ކަމަށެވެ. ބަދަލުގައި އެމީހުން ތަޔައްމުމު ކުރާނީ ކަމަށެވެ.

އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ އެންމެން އަންދާލަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މުސްލިމުންވެސް މިހާތަނަށް އަންދާލާފައިވާއިރު، އެކަމާ ގުޅިގެން މުސްލިމް އާއިލާތަކުންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ "ސަން" އަށް ވިދާޅުވީ ގައިން ގަޔަށް އަރާ ބައްޔެއް ޖެހިގެން މަރުވާ މީހަކު ވެސް އަންދާލުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ. ދީނީ ގޮތުން އޮންނަ ގޮތަކީ، އެމީހަކު ކަފުންކޮށް، ކަށުނަމާދުކޮށް ވަޅުލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 52 މީހަކަށް ބަލި ޖެހިފައި ވާއިރު 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ނަމަވެސް މިހާރު މާލޭގައި ބަލި ފެތުރުން ފަށާފައި ވާއިިރު، މިއަދު އެކަނިވެސް މާލެއިން 16 މީހަކު އަދި ހއ. އުލިގަމުން ވެސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ނުހިމެނެއެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅެވެ.