20 Apr 2020, 07:26
"ޕްލީޒް. މާމަ ހޮސްޕިޓަލަށް ގެންގޮސްދީފާނަންތަ؟" މިވާރޭތެރޭގައި ކާރަކަށް ނުގުޅޭނެކަން އެނގި އާލިއާ ހަތިޔާރު ބަހައްޓާފައި ރީތިކޮށް އެދުނެވެ.
"ސޮރީ...." އަރްސަން ދާން ހިނގައިގަތެވެ.
"ސުބުހާނަﷲ. ހަމަ މޮންސްޓާއެއް ..." އާލިޔާ ކަރުބުޑުން އެންމެ ފަހު ލަފުޒުތައް ކިޔާލުމުން ވާރޭ ތެރޭގައި ވެސް ގުގުމައިގެން ދިޔަ އެވެ. އަރްސަން ޖަވާބެއްނުދީ ކާރަށް އަރައިގެން ދުއްވާލުމާ އެކު ނަދުވާ އާލިޔާގެ މޫނުމަތީ ޖެހި އެވެ. އެތިފަަހަރު އެރީ އޭނަގެ ބޮލަށެވެ. އާލިޔާ ރޮމުން ދިޔައީ މި ވާރޭތެރޭ މާމަ މިހާލުގައި އޮތްވާ އަރްސަން އެހީނުވެ ދިޔައީމައެވެ. މާޒިންގެ ބޭބެއެއްކަން އޭނައަށް އެނގެއެވެ. އަރްސަންއާއި އަދާގެ ކައިވެނިރޫޅުމުން އޭނަވެސް މަޝްހޫރުވިއެވެ. ރައީސްގެ ދަރިންނަކީ މިހާރު މީސްމީޑިއާގެ ތަރިންތަކެވެ.
"ލަދުން ބޯ ހަލާކުވެއްޖެ. ނިކަން ރީތި އަޑެއް ތި ނެރެނީ." ނަދުވާ ފުންފުންކޮށް ނޭވާތަކެއްލީ އައި ރުޅިގަނޑު ހިންދާލާށެވެ.
"އޭނަގެ އަނިޔާވެރިކަމެއް ނުފެނޭތަ؟ މިހާލުގައި އޮތްވާ..." އާލިޔާގެ އަނގައިގާ ޖުމްލައިގެ އެއްބައި އޮތްވާ ފެނުނީ އެމްބިއުލެންސް އަންނަތަނެވެ.
"މިއަންނަނީ އެމްބިއުލެންސް. އޭނަގެ ހެޔޮކަން މިހާރު ނުފެނޭތަ؟ ވިސްނޭތީ އޭނަ މަންމަ މިތަނުން ނުނެގީ. ބުންޏޭ މަގޭ ގާތު ނުގުޑުވާށޭ. އެކަމަކު މި ނުލަފާ ކުއްޖާ ހުރިހާކަމެއް ފަނިކޮށްލައިފި. އެހެންނޫން ނަމަ އަރްސަން ނުވެސް ދާނެ. އެހީވާންވެސް ހުންނާނެ. ތި ބޮޑު އަނގަޔަކާއިހެދި އެ އޯގާތެރި ކުއްޖާވެސް ފޫހިވެގެން އެދިޔައީ. އަދި ކަރުބުޑުން ކޮންމެހެން ވާހަކަދައްކަން ޖެހޭތަ؟ ދޭތެރެއަކުން އާލިޔާއާއި ޖިންނި އަވަލަނީ ދޯ..ތިމާނޫން އެހެން މީހުންނަކީ ނުބައި މީހުންކަމާއި ތިމާ ނޫނީ އަޅުވެރިއެއް ނެތްކަމަށް ތިހިރީ ހެދިގެން. މޫނު ފޮރުވިޔަސް އާލިއާގެ އަޚުލާގު ކޮބާ......."ނަދުވާ ރުޅިއައިވަރުން ހަށަން ބަދެގެން ކޮޅަށް ހުރެ އެތިވަރު ގޮވައިގަތެވެ. އާލިޔާ މާމަގެ އަތުގައި ހިފައިގެން ހިތްވަރުދިނެވެ.
ބޮޑުދައިތަގެ ވާހަކަތަކުން އަސަރު ކުރާވަރަށް ވުރެ އޭނަގެ ހިތާމަތައް މާ ބޮޑެވެ.
އެމްބިއުލެންސަށް އެރުވިއިރުވެސް އޭނަ އިނީ މާމަގެ އަތުގައި ހިފައިގެންނެވެ. ހެޔޮ ދުޢާކުރިއެވެ.
ހޮސްޕިޓަލާއި ހަމަޔަށް ދެވުނުއިރު އަޔާޒްއަށް ޚަބަރުވެގެން އިންތިޒާރުގައި ހުއްޓެވެ. އަޔާޒްއަށް އޭނަގެ މަންމަ ފެނުމުން ވަރަށް ދެރަވިއެވެ. ކަންތައްވީގޮތް އަދި އޮޅުން ނުފިލިޔަސް ނަދުވާގެ އިހުމާލުން ވީ ކަމެއްކަމުގައި ގަބޫލުކުރެވުނެވެ. އާލިޔާ މިހާރު ނުލާހިކު ފަރުވާތެރިއެވެ. މަންމަ އެކަނި ދޫކޮށްފައި އެންމެ މިނިޓަކަށްވެސް އާލިޔާ އެއްފަރާތަކަށް ނުޖެހޭނެއެވެ. އޭރުވެސް ނަދުވާ ހުރީ މޫނު ހަދައިގެންނެވެ. އާލިޔާ އުޅުނުގޮތުން ރުޅިއައިސްފައެވެ.
ސީޓީ ސްކޭން ހެއްދުމަށް ފަހު އަޔާޒްގެ މަންމަ އޮބްޒަވޭޝަނުގައި ބޭއްވިއެވެ.
އޭސީކޮށްފައި ހުރި ކޮޓަރިއެއްވީމަ އަލިޔާ ކިނބިހި އެޅެންފެށިއެވެ.
"ދޮންތަމެން ތެތް އެއްޗެހި ބަދަލުކުރަން ދާންވީނު މަންމަ ގާތު ހުންނާނަން..." އަޔާޒު ބުނެލިއެވެ. "މިއޮތް ފިނި ދުވަހު ތެމިގެން. މަންމަގެ ކަންތަކާ އުޅެން ހަދައިގެން ހަދާން ނައްތައިލެވުނީ. ސޮރީ....."
"އިޓްސް އޯކޭ އަޔާ. އެކަމަކު ކީކޭ ބުނާނީ. މިހިރީ ލަދުން އިސްއުފުލަން ނުކެރިފައި" ނަދުވާ ފޮނިތޮށި ކާފޫރުލާފައި ކަން ހިނގިގޮތް ކިޔައިދިނެވެ. " މޮޅެތި މީހުންނަށް އިހުތިރާމް އަދާކޮށް އަދަބުވެރިވުމުގެ އެއްވެސް ސިފައެއް އާލިޔާގެ ނެތް. އޭނަ ކޮށްދިން ހެޔޮކަމުގެ ބަދަލުގައި ގޮސް އޭނަގެ ގައިގާ ޖެހީ. އެހާ ހުތުރުކޮށް ވާހަކަދެއްކީ. ހަޑިނަމުން މުޚާތަބުކުރީ. އަޔާމެން ދީނަށް ތިއުޅޭގޮތް އަހަރެމެންނަކަށް ނުވިސްނޭ. އެހެންވެ އެހެން މީހުންނަށް އިސްލާމްދީންގެ ރީތި ސިފަތައް ނުފެނި ހަރުކަށި ދީނެއްކަމަށް ލޭބަލް ކޮށްފައި މިވަނީ."
ނަދުވާވެސް ކައިވެންޏަށްފަހު މެލޭޝިއާއަށް ބަދަލުވެ ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރަނީ ގައުމުން ބޭރުގައެވެ. ވިސާޖެހުންފަދަ މުހިއްމު ކަމެއްގައި ނޫނީ އޭނަ މާލެ އަރަން ބޭނުމެއްނޫނެވެ. އެހެން އަންނަ ދަތުރެއްގައިވެސް ރުޅިގަދަވެ ފޫހިވުމުގެ އެންމެ ބޮޑު ސަބަބަކީ އާލިއާއެވެ.
***
އަރްސަންގެ މަންމަ ތުވާއްޔަކުން އޭނަގެ އިސްތަށިގަނޑު ތުވާއްޔަކުން ހިއްކާދިނެވެ. ކުޑައިރުވެސް އެ ބޯ އިސްތަށިގަނޑު ހިއްކާދޭހާ ލޯބިންނެވެ. އަރްސަން ދެލޯ ހުޅުވާލަން ބޭނުންނުވެފައި ގޮނޑީގައި ލެނގިލައިގެން އިނެވެ. އޭރު ވާރޭ ހުއްޓާލި ނަމަވެސް ވަޔާއެކު ގަސްތަކުގެ ގޮފިތައް ތެޅޭ އަޑާއި ވައިގެ ޒޫމް އަޑު ހަރުލާފައިވިއެވެ. މާޒިން ކޯކްދަޅެއް ބޮމުން އައިސް ހުއްޓި ބަލަން ހުރެފައި ހީލިއެވެ.
"ތިއްތި ކާރުތެރެއަށްވެސް ވާރޭ ވެހުނީތަ؟ ކާރުން އައިމަ ތެމުނު ގޮތެއް ވިސްނަ ވިސްނާ ނޭގުނު..."
"ކާރު ކުރިމައްޗަށް މާމަ އަކު އެރީމަ ބޯ ވާރޭ ތެރޭ ބޭރަށް ނުކުތީ.."އަރްސަން އާލިޔާގެ ނަން ކިޔާކަށްވެސް ބޭނުމެއްނުވިއެވެ "ރޫޑް"ކަމުގެ މިސާލެކެވެ. ކަޅުފޮތިބޮނޑީގެ ތެރޭ ފިލާ ހުރި ނުލަފާ ކުއްޖާ އަދި އެ ކުރަކި އަންގި އަތުން އޭނަގެ ގަަޔަށްވެސް އަތްލައިފިއެވެ.
"މާމަމެން މިހާ ތޫފާނީ ދުވަހެއްގައި މަގުމަތީގައި ވާރެއާއި ތެމޭ ހިތުންތަ؟ އަޅާލާނެ މީހެއް ނެތީކަން ނޭގޭ ސޯ ތިއްތި އެމާމަ ހޮސްޕިޓަލަށް ލާ ދިނިންތަ؟ "
"ނޮޕް....." އަރްސަން ބުނެލިއެވެ.
"ހާދަ މޫޑު އޮފް ވެފައި..." މާޒިން ކުރިމަތީގައި ހުއްޓުނެވެ. ގޭގެ ފަހަތު ފެންޑާގެ މަންޒަރުތަކުގެ ހިތްގައިމުކަން ވާރޭގެ ސަބަބުން އިތުރުވެފައިވާ އިރު ގަސްތައްވެސް ނަށާފަދައެވެ. ފަތްތައް ދޮވެވި ފަތުގެ ކުލަގަދަވެފައެވެ. ގަސްތަކުގެ ފަތްތައް މަތީ ދިރޭރަހަ ފަދައިން ފެންތިކިތައް ހަރުލާފައިވާއިރު ޖާދުވީކޮށް ދައްކައެވެ.
"ޒިން މިއޮތް ފިނިދުވަހުވެސް ކޯކް ތިބޮނީ" އަރްސަން ލޯ ހުޅުވާލާފައި ކުރީ އެހެން ސުވާލެކެވެ.
"ސޭމް ކޮފީއެއް ބޭނުންވާ ވާހަކަ އިންޑިރެކްޓްކޮށް އެބުނީ. އޯކޭ މަންމަ އެބަގެންނަން ކޮފީ.." ސުކައިނާ ހީލާފައި ދާން ހިނގައިގަތެވެ. ފިނިދުވަހަކާ ގުޅޭގޮތުން ސްވެޓަ ފޮތިން ފަހާފައިވާ އަތްކުރު ޓީޝާޓަކާއި ޓައިޓަކާއެކު އިސްތަށިގަނޑު އޮތީ މައްޗަށް ކަހާ އައްސާލަފައެވެ. ޒުވާން އަންހެންކުއްޖެއް ފަދައެވެ.
"ސޯ ތިއްތި. އެއްކަލަ ޑީލްއާއިމެދު ވިސްނިންތަ؟ " މާޒިން ލިބުނު ފުރުސަތުގައި އަހައިލިއެވެ.
"ޒިން އެކުއްޖާއާއި ކައިވެނިކުރޭ. އައިމް ނޮޓް އިންޓެރެސްޓެޑް...." އަރްސަންގެ ލޮލުން އިތުރު ޝުއޫރެއް ނުފެނެއެވެ.
"އެކުއްޖާދެކެ ކުޑަކޮށްނަމަވެސް ހިތުގައި ލޯތްބެއް އޮތްނަމަ އަމިއްލަ ބޭބެކައިރީގައި އިންނާށޭ ނުބުނާނެއްނު. ޔޫ ހޭޓް ލޭޑީސް އެހެންވެ މިބުނީ. އޭނަ މޫނު އަޅާތީ ދުނިޔެއަކަށް ނޭގޭނެ އެކުއްޖާ ހުންނަގޮތެއް. އެ އެކުއްޖާ ކައްކަން ވަރަށް މޮޅު. ގެވެހި. ތިއްތިގެ ގޭގެ ހައުސްކީޕަރުކަން ސަޅިކޮށް ކުރާނެ................................................." މާޒިން އެންމެފަހު ކޯކްފޮދުން ކަރު ތެންމާލާފައި ބިއްލޫރިމޭޒުމަތީ ދަޅުބެހެއްޓިއެވެ.
"އެ ކުޑަ ޓައިގްރެސް ކޮންޓްރޯލް ކުރާނެ ގޮތް ފުރަތަމަ ކިޔަވާދީ.." އަރްސަން ބުނެލިއެވެ.
"ޓައިގްރެސް އޭ ބުނީ ކީއްވެ؟ "މާޒިން ހައިރާންވިއެވެ.
"ޒިން އެއްނު ބުނީ އޭނަ ގަޓްވެލާފައި ކައިސް މޫނުމައްޗަށް އެތިފަހަރެއް ވީއްލާލިއޭ. އެހެންވެ އެ ނަންދިނީ......" އަރްސަންގެ ސިކުނޑިތެރޭ އަދިވެސް ގުގުމަނީ "މޮންސްޓާ" އޭ އެކުއްޖާ ކީގޮތެވެ. ތަކުރާރުކޮށް އެނަން ކިޔަމުންދާހެން ހީވިއެވެ. ފޫހިފޫހި އަންހެންކުއްޖެކެވެ.
"ޕްލީޒް ޕްލީޒް ތިއްތި. އެކަހަލަ އަންހެންކުއްޖަކާ ގުޅުނީމަ އެހެންމީހުންނަށް އިބުރަތަކަށްވާނީ. އެހެންނޫނަސް ނޫސްތަކުގެ ހެޑްލައިންގަ ޖަހާނެ އަރްސަން އަހުމަދު މައިމޫން މޫނުއަޅާ ކުއްޖަކާ ކައިވެނިކުރި ވާހަކަ. ދުވަހަކު އެ ޓޮޕިކް ހުއްޓާލާނެކަމެއް ނޭގޭ. ވަރުގަދަ ބްރޭކިން ނިއުސްއަކަށްވާނެ. ސޯޝަލް މީޑިއާގައި ހުޅުހިފާނެ..." މާޒިން އަރްސަންއަށް މަޖުބޫރުކުރަމުން ދިޔައީ އެކަމަށް އެއްބަސްވުމަށެވެ. ނޫނީ އޭނަގެ ހިތަށް އާލިއާ ވެރިވެގެންފާނެއެވެ. މިހާރުވެސް "ލައިކް" ވެވިއްޖެއެވެ. އެފަދަ ކުއްޖަކަށް ހިތުން އިތުރު މަގާމެއް ދިނުމަކީ މޮޔަކަމެކެވެ. އެކަން ހުއްޓުވަން ހަދާނެ ޖާދޫއެއް މި ނޫނީ ސިކުނޑިއަކަށް ނުވަދެއެވެ. އަރްސަންއަށް ގެއްލޭނެ އެއްޗެއް އޮންނާނީއެއް ނޫނެވެ.
***
އާލިޔާ ފިނިފެނުން ފެންވަރާލުމުން ހީކަރުވާގޮތްވިއެވެ. ޖިންސްފޮތީގެ އަތްދިގު ގަމީހަކާއި ހަރުވާޅެއްލުމަށްފަހު ބުޅި ނުކިޔަމަންތެރި އިސްތަށިގަނޑު ހިއްކަންފެށީ ތުވާއްޔަކުންނެވެ. އޭރު އޭނަގެ ސިކުނޑީގައި ހަރުލާފައިވަނީ އަރްސަންގެ ސީރިޔަސް މޫނެވެ. ފިނި ފިނި ގަނޑުފެންކޮޅެއްފަދަ ދެލޮލެވެ. ލޯގަނޑުން އަމިއްލަ މޫނަށް ބަލައިލީ އޭނަގެ މޫނުން އަރްސަންގެ ދެލޯ ފެނުމުން ސިހިފައެވެ.
"އޭނައާއި އަހަރެންގެ ލޮލުގެ ކުލަ ދާދި އެއްގޮތް. އެކަމަކު އެހެރަ ފިނިކަމެއް. އަބަދު ލޯ ހަނިކޮށްގެން ހުންނަންތަ އެނގެނީ؟ މާޒިންއާއި މެރީކޮށްގެން އެގެއަށް ދާއިރު މީނަ އެގޭގައި ހުރެއްޖެއްޔާ އުޅެން ފަސޭހައެއްނުވާނެ. މާޒިން ކައިރީ ބުނާނަން. އެންމެ ޝަރުތެއް ހުށަހަޅާނީ. އެހެން އެޕާޓްމެންޓެއްގައި ދިރިއުޅެން އެދޭނީ. އަދި ކައިވެނި ކުރެވޭނީ ދޮންބެ މެރީކުރީމަ އޭ ބުނާނީ. މާމަ ބަލާނެ މީހެއްނެތި ދުރަކަށް ނުދެވޭނެ. ނޫނީ މާޒިންގާތު ބުނާނީ މިގޭގައި ހުންނާށޭ. ސުހުބާނަﷲ ކީއްވެ މާޒިންއާއިމެދު މިހެން ވިސްނެނީ؟ އޭނަވެސް ބްލެކްމެއިލްކޮށްގެން އެ މެރީ ކުރަނީ. އެކަމަކު ހުވަފެނުގައިވެސް ފެނުނީ. ޑޫ އައި ލައިކް ހިމް؟ " އާލިއާ އަމިއްލަ ހިތާ ސުވާލުކޮށްލާއިރަށް ރަކިގޮތަކަށް ހީލެވިއްޖެއެވެ. ކައިވެންޏަކީވެސް ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމުގެ ސުންނަތެކެވެ. ކައިވެނި ކުރުމުން ދީން ފުރިހަމަވީއެވެ.
އާލިޔާ ފޯނު ނަގާފައި އަޔާޒުއަށް ގުޅިއެވެ.
"ދޮންބެ މާމަ ކިހިނެއްތޯ؟ "
"ނިދާފައި އޮތީ. ކޮއްކޮ ކައިގެން ރެސްޓްކޮށްލާފައި އަންނާނީ. ދޮންތަ މިރޭ ހުންނާނަމޭ ބުނި. ޑިއުޓީ ބަހާލައިގެން ތިބީމަ ރަގަޅުވާނެއްނު ދޯ.............................." އަޔާޒް ބުނެލިއެވެ.
އާލިޔާ ހުރީ ބަނޑުހައިވެފައެވެ. ބަދިގެއަށް ވަދެ ބަލައިލިއިރު ހަވީރު ސަޔަށް ކާލާނެ އެއްޗެއް ގެއަކު ނެތެވެ. މިރެއަށް މަސްކޮޅެއް ފިހެލާ ރޮށިފިހެލަން އާޓާފުށްވެސް ގަންނަން ޖެހޭނެއެވެ. ދޮންބެ ޑޮކްޓަރަކަށްވިޔަސް އެހާ ވަރުން ބަލައިގެނެއް ނޫޅެއެވެ. ރޭގަނޑަށް ތަރުކާރީ ސޫޕް ކަހަލަ އެއްޗެއް ކާލީމަ ސިއްހަތަށް ފައިދާ ކުރާވަރު ބޮޑުވާނެއެވެ. ނަމަވެސް ދޮންބެއަށް އެންމެ މީރު ކެއުމަކަށްވަނީ ރޮށްޓާއި ފިހުނުމަހެވެ. ސަޔެވެ.
އާލިޔާ ކަޅުހެދުން ލުމަށްފަހު މޫނު ފޮތިކޮޅު އެޅިއެވެ.
"ސީރިޔަސްކޮށް އެ މާޒިންގަނޑާއި ދިމާނުވެއްޖެއްޔާ ރަގަޅު....." އާލިޔާ ހިތަށް އެހެން އަރުވާލާއިރަށް ސިކުނޑި އަރައިރުންވިއެވެ. އަޖައިބެއްފަދަ ކަމެކޭ ހިތަށް އެރިއެވެ. "މާޒިން ފެންނާނެނަމަ..."
"އަސްތަޣުފިރުﷲ ޝައިތާނާގެ ވަސްވާސްތަކުން ސަލާމަތްކޮށްދެއްވާށި." އާލިއާ އާދައިގެ މަތިން ގެއިން ނިކުންނަމުން ދުޢާކުރިއެވެ. އެފަދަ ދުޢާތަކުގެ ސަބަބުން ގެ ރައްކާތެރިކޮށްދެއްވާ ބަރަކާތް ލައްވައެވެ. ދުޢާއަކީ ކޮންމެ ކަމަކަށް އައްޑަނައެކެވެ.
ކޮންމެވެސް ސަބަބަކާހުރެ އާލިއާ ބޭނުންވި ގޮތް ވިއެވެ. ރައީސްގެ ގޭގެ ދޮރުމަތީގައި ތިބީ މާޒިންއާއި އަރްސަން ފިޔަވާ ދެވަނަބަޔެއްނޫނެވެ. އެންމެ ނަޒަރަކަށްފަހު އޭނަ ދެވަނަފަހަރަށް މާޒިންގެ މޫނަށް ނުބަލަން އަޒުމް ކަނޑައެޅިއެވެ. އަރްސަން ކޮންމެވެސް އެއްޗެކޭ ބުނެލީ އެއްކަލަގޮތަށް ބުމަ ކައިރިކޮށްލައިގެން ހުރެއެވެ. މާޒިން ހިނިގަނޑެއް ޖަހައިލިއެވެ.
"މާޒިން އަބަދު ހީހީ ހުންނައިރު އަނެކަކީ ހަމަ އެންގްރީބާޑް..." އާލިޔާ ހިތާހިތުން ކިޔައިލިއެވެ. އަރްސަން އެތާ ހުއްޓާ އެހެން ދާކަށް އޭނަގެ ހިތެއް ނޭދުނެވެ. އަރްސަންގެ ފޮނިކަމާއި ކިބުރުވެރިކަން އެ ބެލުމުން ފާޅުވޭވޭ ހުއްޓެވެ. ތިމާގެ ރީތިކަމައި މުއްސަދިކަމުން ބޮޑާކަން ލިބިފައިވާ ފިރިހެނެވެ. ޔަގީނުންވެސް ޖިބްރީލް މާޒިން އަދި ރާހިލްގެ މިފަދަ ގޮތެއް ނެތެވެ. އެދެމީހުން އެއްތާކު ތިބިއިރު އަރްސަން މާޒިންއަށްވުރެ ތަންކޮޅެއް އިސްކޮޅުން ދިގުކަން އާލިޔާގެ ލޮލުގައި އަޅައިގަތެވެ.
"ހޭ އާލިއާ. މަޑުކޮށްބަލަ...." މާޒިން ގޮވާލީމަވެސް އަޑުއިވޭކަމަށް ނަހަދާ އޭނަ އަވަސް ފިޔަވަޅުތަކެއްގައި ގެއަށްވަދެ ދޮރު ލައްޕާލައިފިއެވެ. އޭރުވެސް ހިތުގެ ތެޅުން ބާރުކަމުން މެރެތަން ރޭހެއް ޖަހާލަފައި ހުއްޓުނުފަދައެވެ. އަނބުގަހުގެ ހިޔަލުގައި އެލުވާފައި ހުރި އުނދޯލީގައި އިށީންގޮތަށް އާލިއާ ދެލޯ މަރައިލިއެވެ. އަދި މޫނުގައިވާ ފޮތިކޮޅު ނަގައިލިއެވެ. އޭނަ ހާސްވަނީއެވެ. ކޮންމެހެން މި ފޮތިކޮޅަކުން ނޫނެވެ. މާޒިންގެ ސަބަބުންނެވެ. މާޒިން ގޮވައިލުމުން މަޑުނުކުރި ސަބަބަކީވެސް އަރްސަންއެވެ.
ނަދުވާ ވެސްނުކުތެވެ. ބޮޑުދައިތަ ހުންނަނީ މެލޭޝިއާގައެވެ. ބުރުގާ އަޅާފައި ހުއްޓަސް ނަމަކަށެވެ. އަތްދިގު ކުރުތާއަކައިއެކު ފަޔަށް ހިފާފައިވާ ޖިންސެކެވެ. ބުރުގާ އެހާ ކުރެވެ. ވަނާތައް ފޮރުވިފައެއް ނެތެވެ. ނަދުވާ ބުނާގޮތުން އާލިއާގެ މަންމަ ހީރާ އެމީހުންނަށްވުރެ މާ ސްޓައިލިޝްއެވެ.
"އާލިއާ. ސައިބޯން އެއްޗެއް ގަނެގެން އައިސްބަލަ. ޕިއްޒާއާއި ބަޖިޔާ ހަނޑޫގުޅަ އަދި ފޮނި އެއްޗެއް ވެސްގަނެލައްޗޭ. ކޮފީ ދަޅުވެސް ހުރީ ހުސްވެފައި..."
"ދޮންތާ. ރައީސްގެ ދޮރުމަތީ އެގޭ ފިރިހެނުން ތިބީމަ ނުދެވިފައި މިއިނީ...."
". لا حَوْلَ وَلا قُوَّةَ إِلا بِالله .އާލިއާ އެއްކޮށް ކަޅުހެދުމުގެ ތެރޭ ފޮރުވިގެން ހުރެވެސް މީހުންނަށް ފެންނަން ބިރުގަންނަނީތަ؟ އަރްސަން ނޫޅެއޭ އާލިއާ ވަރު މީހެއް ނެތިގެން. އެމީހުންނެއް އާލިއާއަކާއިހެދި ނޫޅޭނެ. އާލިއާގެ ފެންވަރެއް ނޫނޭ. އެމީހުން ހިތާވެ ބެހޭނެކަމަށް ނުދާން ތިހިރީ..." ނަދުވާގެ ކޮންމެ ޖުމްލައެއްގައި މަލާމާތާއި ނުރުހުމެވެ. ބޮޑުދައިތަމެެން އޭނަދެކެ އަރާހާ ރުޅިއަކީ އޭނަ ހެދުން އަޅާ ސްޓައިލެވެ. އެމީހުންވެސް ގަބޫލުކުރާ ގޮތުން އާލިއާމެންނަކީ ހަރުކަށި ފިކުރުގެ މީހުންނެވެ. އޭނަދެކެ އެންމެ ލޯބިވާ މީހަކީ ދޮންބެއެވެ. އާލިޔާގެ ލޯ ތެމޭގޮތްވިއެވެ. ދޮންތަމެންގެ ވިސްނުން ބަދަލުވާނެ ނަަމައެވެ.
ދޮންތައަށް ހަގީގަތް ކިޔާދޭން ހިތަށް އެރިއެވެ.
މާޒިން އޮތީ އޭނައާއި އިންނަން އަހާފައެވެ. ހިތާވިޔަސް ނުވިޔަސް ރައީސްގެ ޅީދަރިއަކަށް ވުމުގެ ފުރުސަތު އެބައޮތެވެ. ފެންވަރޭ އެބުނަނީ ކޮންކަމަކަށް ހެއްޔެވެ. ރައީސްމީހާ ވުމުން ދޮންތަމެން އުޅެނީ އެވަރެއް ނެތިގެންނެވެ. އޭނައަށް ވެރިކަމާއި މުއްސަދިކަން މުހިއްމެއް ނޫނެވެ. ނަމަވެސް ދޮންތަމެންނަށް އެންމެ މުހިއްމުވާނީ ވެރިކަމާއި މަގާމުފަދަ ކަންތައްތަކެވެ. އާލިޔާގެ ރީތިކަން ބޭނުންކޮށްގެން މުއްސަދި ރީތި ޒުވާނަކު އަތުއަޅުވާ މުޅި އާއިލާއަށް ތަނަވަސްކަން ގެނެވިދާނެ ފުރުސަތު އޮތްއިރު އެރީތިކަން ފޮރުވައިގެން އުޅޭތީ އެންމެން އެކިގޮތްގޮތަށް އޭނައަށް މަލާމާތްކޮށްފިއެވެ. ރީތިކަން އިޝްތިހާރުކޮށްގެން ދުނިޔަވީ އުފާ ހޯދުމަށްވުރެ އޭނަ ލޯބިކުރަނީ މާތްﷲގެ ރުހިވޮޑިގަތުން ހޯދާށެވެ. އެހެން އެންމެން ރުޅިއަޔަސް ފަރުވާލެއް ނެތެވެ.
ބޭނުން ނޫން ކައިވެންޏަކާއި ދިމާލަށް އޭނައަށް މިދެވުނީ އެކަމުގައި ހުރި ހިކުމަތް މާތްﷲ ދެނެވޮޑިގެންވާތީއެވެ. ހަޔާތުގެ އެންމެ މުހިއްމު އެއް މައްސަލައިގާ އޭނަ އިސްތިޚާރާ ނަމާދުކޮށްގެން ކުރިއަށް ދާން ނިންމީވެސް އެންމެ ސަބަބަކާ ހުރެއެވެ.
"އެންމެ ރަގަޅު. އަހަރެން ގޮސްދާނަން..." ނަދުވާ ބާރަށް ހިނގާފައި ނުކުތީ އަސްލުވެސް އަރްސަންމެންނާއި ވާހަކަދައްކާލާ މާފަށް އެދުމަށެވެ.
ނަމަވެސް އޭނަގެ ނަސީބު އެހީއެއް ނުވިއެވެ. އެގޭ ދޮރުމަތީގައި މެއްސެއްވެސް ފެންނާކަށް ނެތެވެ.
***
އާލިޔާއާއި އަދާ އަދި މިންކާ އިށީދެލީ ރެސްޓޯރެންޓެއްގައެވެ. އަގުބޮޑު ރެސްޓޯރެންޓަކަށް ގޮސްފާ އާލިއާ ހިތްހަމަނުޖެހުނީ އެތަނުގައި މިއުޒިކް ޖަހާފައި ހުރުމުންނެވެ. އަދާގޮސް ރިސެޕްޝަން ކުއްޖަކާ ވާހަކަދެއްކުމަށްފަހު އާލިޔާމެންނާއި ބައިވެރިވިއެވެ. އިރުކޮޅެއްނުވެ މިއުޒިކްގެ އަޑު ކެނޑި ހިމޭންކަން ވެރިވިއެވެ.
"އެވެސް ހަރާމްތަ؟ " މިންކާ އެހިއެވެ.
އާލިޔާ ޖަވާބުދޭން އުޅެނިކޮށް އަދާ ލޯބޮޑުކޮށްފައި ބަލައިލިތަން ފެނިފާ އާލިޔާވެސް އެނބުރި ބަލާލައިފިއެވެ.
ނުނިމޭ