19 Apr 2020, 19:18
ކޮވިޑް19 އާ ގުޅިގެން ގައުމަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން އުނދަގޫ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ތަނުގައި މިސްކިތްތަކުން ފެން ލިބެން ނުހުންނާނެ ގޮތް ހަދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ލޮކްޑައުން އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓަލާފައި ވީނަމަވެސް، މިސްކިތްތަކަށް ވަމުން މަނާ ނޫން ކަމަށެވެ.
މިހެން މިކަން އޮތުމުގެ ސަބަބުން ބައެއް ފަރާތްތަކުން، އެކި ބޭނުންތަކަށް މިސްކިތްތަކަށް ވަންނަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ، ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތައް، ގިނަ ބައެއް ނޫން، އެހެން ނަމަވެސް މަދު ބައެއް، މިސްކިތްތަކުގެ ބޭނުން، މިސްކިތްތަކުން ލިބެން ހުންނަ ފެން ބޭނުންކޮށްލައިގެން ސާފުވުމާއި އަދި މިސްކިތުގެ ތެރޭގައި ނިދުމާ މިކަހަލަ ކަންކަން ކޮންމެސް ވަރަކަށް ހިނގަމުން ދާކަން،" ފައިރޫޝް ވިދާޅުވިއެވެ.
އެހެންކަމުން ކޮވިޑް19 އާ ގުޅިގެން މިހާރު ދިމާވެފައިިވާ ހާލަތުގައި މިސްކިތްތަކަކީ އެހެން ބޭނުންތަކަށް ވަންނަ ތަނެއްގެ ނޫން ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފައިރޫޝް ވިދާޅުވިއެވެ. ލޮކްޑައުންގެ ހާލަތުގައި ވެސް ބޭރަށް ނުކުތުމުގެ ހުއްދަ ދެވެނީ، ވަކި ތަންތަނަށް ވަކި ގަޑިތަކެއް ކަމަށާއި، އޭގެ ތެރޭގައި މިސްކިތްތައް ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަމުންދާ ގޮތަކީ މިސްކިތްތަކުން ފެން ލިބެން ނުހުންނާނެ ކުރިއަށް އޮތް ތަނުގައި. އޭގެ އިތުރުން މިސްކިތްތަކަކީ އެއްގޮތަކަށް ވެސް އެހެން ބޭނުންތަކަށް ވެސް ވަންނަ ތަނެއް ނޫން ގޮތުގައި ހަމަޖެއްސުން،" ފައިރޫޝް ވިދާޅުވިއެވެ.
މި ފިޔަވަޅުތަކަކީ އުނދަގޫ ފިޔަވަޅުތަކެއްކަން ފާހަގަ ކުރައްވަމުން ފައިރޫޝް ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތު މޮނިޓާ ކުރުމަށް ފުލުހުންނަށް ދަތިތަކެއް ކުރިމަަތިވެފައިވާ ކަމަށާއި، އެހެންކަމުން މިއީ ކޮންމެހެން ވެސް އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.
މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުން، މާލެ ސިޓީ އާއި ސަރުކާރުން އަރާ ފޭބުން މަނާކުރާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އޮތީ މަނާކޮށްފައެވެ.
އެހެން ނަމަވެސް އޭރު އިސްލާމިކް މިނިސްޓްރީން ބުނީ، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، މިސްކިތްތައް ބަންދު ނުކުރާނެ ކަމަށެވެ.
ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލި ފަހުން މިސްކިތްތަކުން ފެން ކަނޑާލާފައި ހުރުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަކުވާކޮށްފައެވެ. އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، ފެން ކަނޑާލަން ޖެހުނީ މިސްކިތުގެ ވުޟޫކުރާ ބަޔަށް ކުޑަކަމުގޮސް، މިސްކިތްތައް ނަޖިސްކުރާތީ ކަމަށެވެ.
މި މަހުގެ 30 ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދާއިި ތަރާވީހު ނަމާދުގެ ޖަމާއަތް ނުހަދަން އިސްލާމިކް މިނިސްޓްރީން އޮތީ އަންގައިފައެވެ.