ކޮންމެ ފޮޓޯއަކަށް ބަލަހައްޓައިގެން ގާތްގަނޑަކަށް ދެތިން މިނެޓް ހުއްޓިލައިގެން ހުރީމެވެ. ފެންނަނީ އެހެން މަންޒަރެކެވެ. މައިންބަފައިގެން ލޯބިން މަހުރޫމުވެ "މަސްނުވީ" މާހައުލެއްގައި ބޮޑުވަމުންދާ ކުޑަކުޑަ ޔަތީމް ކުދިންގެ އިހްސާސްތަކެވެ. އެ ކުދިންގެ ފިކުރުތައް އަހަރެންގެ ސިކުނޑި އަށް ވެރިވާ ކަހަލަ އެވެ. ހަގީގަތުގައި ވެސް ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން އަމިއްލަ އަށް ނަގާފައިވާ ފޮޓޯތަކުން އެ ކުދިންގެ ދިރިއުޅުމާ މެދު ހަމްދަރުދީވެ އެވެ. "މީ ތުރޫ މައި ލެންސް"ގެ ފޮޓޯތައް ހަމަ ނަގާފައިވާ ގޮތް މޮޅީ އެވެ.

"އެ ކުދިންގެ ޕްރޮޑަޓްސްތަކުން [ކުޑަކުދިންގެ ހިޔާގައިވާ އެއްޗެހިތަކުން] އަސްލު އެބަފެނޭ އެކުދިންގެ ދިރިއުޅުން. ގޯތުރޫކޮށްފައިވާ ކަންތައްތަކާ ގުޅިގެން އެބަހުރި ކޮންމެ ވެސް ވަރަކަށް އާޓްގެ ގޮތްތަކެއް. ދެން މި ސްޓޭޖްގައި އެބަޖެހޭ އެކަން ތަރައްގީ ކުރަން،" ހަފްތާއެއްހާ ދުވަހަށް ކުޑަކުދިންގެ ހިޔާ ކުދިންނަށް ފޮޓޯ ނަގަން ދަސްކޮށްދިން މަޝްހޫރު ފޮޓޯގުރާފާ އަލީ ނިޝާން (މިލްޒީރޯ) ބުންޏެވެ.

ކުޑަކުދިންގެ ހިޔާގެ ތިބި ތިން އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ނަގާފައިވާ 41 ފޮޓޯގެ މައުރަޒު ނެޝަނަލް އާޓް ގެލަރީގައި ހުޅުވުމުން އެކަން ނިމުނީ އެއް ނޫންނެވެ. ހިޔާގެ ކުދިންނަށް އެހީތެރިވުމަށް "ވޮއިސަސް"ގެ ނަމުގައި ފަށާފައިވާ ހަރަކާތުގެ ދެ މޭސްތިރިންގެ ތެރެއިން ޑރ. އައިޝަތު ޝައިސްތާ ރަޝީދު ރޭ ވިދާޅުވީ އެ ކުދިންގެ ފޮޓޯ ނެގުމުގެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ޑރ. އައިޝަތު ޝައިސްތާ ރަޝީދުއާ އެކު "ވޮއިސަސް"ގެ ހަރަކާތުގައި އިސްކޮށް އުޅުއް ވަނީ ފޮޓޯގްރާފަރު ހުސައިން ސިނާނެވެ.

އާދައިގެ ކެމެރާތަކަކުން ނަގާފައިވާ 41 ފޮޓޯގެ މައުރަޒު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ހުޅުއްވިއިރު ރޭ އެކަނިވެސް 18 ފޮޓޯއެއް ވަނީ ވިކިފަ އެވެ. ކޮންމެ ފޮޓޯއެއް ވިއްކަނީ 500ރ. އަށެވެ. ވޮއިސަސްއިން ބުނީ މިއަދާއި މާދަމާ ވެސް ހެނދުނު 10:00 އިން އިރުއޮއްސި 6:00 މައުރަޒު ކުރިއަށްދާނެ ކަމަށެވެ.

މައުރަޒުގައި ބަހައްޓާފައިވާ ފޮޓޯތަކުގައި ހިޔާގެ ކުދިންގެ މުސްތަގުބަލަށް ބޭނުންވާ ލަނޑުދަނޑިތަކެއް ލިޔެފައިވެ އެވެ. ދިވެހި ގައުމީ ދިދަ ފޮޓޯ ނަގާފައިވާ އުމުރުން ހަ އަހަރުގެ ކުއްޖަކު ބޭނުންވަނީ ފުލުހަކަށްވާށެވެ. ގައުމީ ހިދުމަތަށް ނުކުންނާށެވެ.

"ވޮއިސަސް"ގެ މަގުސަދަކީ ހިޔާގެ ކުދިންގެ ބޭނުންތަކުގެ ދޮރު ހުޅުވައިދިނުމެވެ. ޑރ. ޝައިސްތާ އާއި ހުސައިން ސިނާންގެ ހަރަކާތުގެ ދަށުން ހިޔާގެ ކުދިންނަށް ފުޓްބޯޅަ އާއި ލަވަކިޔުމާއި މިއުޒިކް ކުޅުމާއި ލިޔުންތެރިކަން ދަސްކޮށްދޭން ވަނީ ރާވާފަ އެވެ.

ޑރ. ޝައިސްތާ ވިދާޅުވީ ހިޔާތެރޭގައި 41 ކުއްޖަކު ނަގާފައިވާ ފޮޓޯތަކަކީ އެކުދިންގެ ސިކުނޑިތަކުގައި ކުރެހިފަވާ ގޮތަށް އަމިއްލައަށް ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

"ކޮންމެ ކުއްޖެއްގެ ވެސް ވިޝް ލިސްޓެއް އޮވޭ. އެހެންވީމާ އަޅުގަނޑުމެންގެ މައިގަނޑު މަގްސަދަކަށް ވެގެންދާނީ ކްރިއޭޓިވިޓީ ޑިވެލޮޕްކޮށްދިނުމުގެ އިތުރުން އެ ކުދިންގެ ވިޝް ލިސްޓްގައި ހުރި ކަންތައްތައް މަގުފަހިކޮށްދިނުން. އެ ކުދިން އެބަ ބޭނުންވޭ ކުޅެލާނެ ފުޓްބޯޅައެއް ނޫނީ ބާބީ ޑޯލްއެއް. މިކަހަލަ ކުދިކުދި ކަންތަކެއް. އިމީޑިއެޓް ކަންތައްތަކެއް،"

ރޭގެ މައުރަޒުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "ރާއްޖޭގައި ދެން އަންނާން އޮތް ޖީލަށް އަޅާލުމުގެ ތެރެއިން ޔަތީމް ކުދިން ނުވަތަ މައިންބަފައިން އަޅާނުލާ ކުދިންގެ ކަންކަން ބެލެހެއްޓޭނެ ހަރުދަނާ ގޮތްތަކެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް" ކަމަށެވެ. އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުގެ ދަށުން ޔަތީމު ކުދިން ބަލަހައްޓާ ކޮންމެ މީހަކަށް ނުވަތަ އެކަނިވެރި މަޔަކަށް 2000ރ. ގެންދަމުންގެންދާ ވާހަކަ ރައީސް ތަކުރާރު ކުރެއްވި އެވެ.

ކުޑަކުދިންގެ ހިޔާގެ ކުދިން ނަގާފައިވާ ފޮޓޯ މައުރަޒުގައި އެކުދިންނަށް ފައިސާއިން އެހީވެވޭނެ ގޮތްތައް ވެސް ވޮއިސަސްއިން ވަނީ މަގުފަހިކޮށްދީފަ އެވެ. އަދި 199ރ. އިން މަތީން ފައިސާ ހަދިޔާކޮށްފި ކޮންމެ މީހަކަށް ހިޔާގެ ކުދިން ނަގާފައިވާ ފޮޓޯ ހިމެނޭ 2012 ވަނަ އަހަރުގެ ކަލަންޑަރެއް ލިބޭނެ އެވެ.

ވޮއިސަސްގެ މަގުސަދަކީ ހިޔާގެ ކުދިންގެ ހުނަރުތައް ތަރައްގީކޮށް ޒަރޫރީ ދިއުޅުމުގައި އެހެން މީހުންނެކޭ އެއްފަދައިން ޔަތީމް އެކުދިން މުޖުތަމައުއަށް ނެރުމެވެ. ގާބިލް ހުނަރުވެރި އިލްމާއި ހިލްމުގެވެރި ބަޔަކަށް ހެދުމަށެވެ.