19 Apr 2020, 18:55
މިއަދު ހއ. އުލިގަމުން ބައްޔަށް ޝައްކު ކުރެވިގެން ސާމްޕަލް ނެގި މީހާ، ވައިރަހަށް ޕޮޒިޓިވްްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އުލިގަމުން ކޮވިޑް19ގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރީ އެ ރަށު މީހެކެވެ. އޭނާގެ ސްކްރީނިން ނަތީޖާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަން މިއަދު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ވަނީ ހާމަކޮށްފައެވެ.
އަދި އޭނާގެ ކަންފަމޭޝަން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އޭނާގެ ނަތީޖާ ވައިިރަހަށް ޕޮޒިޓިވް ކަމަށާއި، މިހާރު އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ކޭސްއާ މާލެއިން މިހާރު ފެނިފައިވާ އެއްވެސް ކޭސް އަކާ ގުޅުމެއް ވޭތޯ ބެލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މިއީ މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 52 ވަނަ މީހާއެވެ. އަދި މާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކުން ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.
މިއަދު އުލިގަމުން ބައްޔަށް ޕޮޒިޓިވްވީ މި ފަހުން މާލެ އައިސް، އެ ރަށަށް ދިޔަ މީހެކެވެ. ކަނޑު ބޯޓެއްގައި އެމީހާ އުލިގަމަށް ދިޔައީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
އެއާއެކު އެމީހާ ދަތުރުކުރި ބޯޓުން ދަތުރުކުރި އެހެން މީހުން ފޭބި ރަށްތައް ހޯދުމުގެ މަސައްކަތް ފަށައި، އެ ރަށްތައް ވެސް ވަނީ މޮނިޓަރިން އަށް ގެންގޮސްފައެވެ.
އެ ބޯޓު ހއ. އަދި ހދ. ގެ ބައެއް ރަށްރަަށަށް ޖައްސާފައިވާކަމަށް އެނގިފައިވެ އެވެ.
މިވަގުތު އުލިގަމު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި އެ ބޯޓު ޖެއްސި ހއ. އިހަވަންދޫ، ނޮޅިވަރަންފަރު، ތުރާކުނު އަދި ވައިކަރަދޫ ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.