19 Apr 2020, 18:49
ފުލުހުންގެ ހުއްދަނެތި ތިލަފުށިން މާލެ އައި މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ ގދ. ތިނަދޫ، ބުލްބުލާގެ އަހްމަދު ސިނާނެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ތިލަފުށިން އައި ދޯންޏަކުން ފުލުހުންގެ ހުއްދަ ނެތި ސިނާން މާލެ އައިސްފައިވާކަން އޭނާގެ ބަހުން އެނގެން އޮންނަ ކަމަށެވެ.
ގައުމަށް ދިމާވެފައި އޮންނަ މިފަދަ ނުރައްކާތެރި ހާލަތެއްގައި ސަލާމަތީ އަދި ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ކިޔަމަންނުވާ އެފަދަ މީހަކު ދޫކޮށްލައިފިނަމަ، އެކަމުން އެހެން މީހުންނަށް ހިތްވަރުލިބި އެފަދަ ކަންކަން ތަކުރާރުވެގެން ހިނގައިދާނެ ކަމަށް ފެންނަ ކަމަށް އެ އަމުރުގައިވެއެވެ.
މީގެކުރިން ވެސް ފުލުހުން ވަނީ އެޗްޕީއޭގެ އެންގުމާ ޚިލާފަށް ރިސޯޓްތަކުން ރަށްތަކަށް ދިޔަ ބައެއް މީހުން ހައްޔަރުކޮށްފައެވެ.