20 Apr 2020, 08:09
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ހުއްޓުވަން ކުރަމުންދާ މަސައްކަތުގައި މާލީ އެހީތެރިކަން ފޯރުކޮށްދީ އެންމެންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޓަކައި ދުނިޔޭގެ ބޮޑެތި އަދި މަޝްހޫރު ފަންނާނުން ހިމެނޭ ބޮޑު ކޮންސާޓެއް ފަށައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ވައިރަސްގެ ސަބުން ގިނަ ސަރަހައްދުތައް ވަނީ ލޮކްޑައުންއަކަށް ގޮސް ގިނަ ބަޔަކަށް ބޭރަށް ނިކުމެވޭ ގޮތް ނުވެފަ އެވެ. އެއާއެކު ކޮވިޑް-19 އާ އެކު ދަތިތަކާއި މާޔޫސްކަން ކުޑަކުރުމަށް ޓަކައި ކުރެވިދާނެ ކަންތަކަށް ތަރީންތައް މަޝްވަރާކުރަން ފެށި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ގްލޯބަލް ސިޓިޒެން ނަމަކަށް ކިޔާ މޫވްމެންޓް އަކާ ގުޅިގެން ތަފާތު ކުރިއަށް ގެންދާ ވާޗުއަލް ކޮންސާޓުގައި ގިނަ ފަރާތްތަކުން އަންނަނީ ބައިވެރިވަމުންނެވެ.

ހޮލީވުޑްގެ ބޮޑެތި ތަރީން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ފެށި ލައިވް ކޮންސާޓުގެ ތެރެއިން ---
އެގޮތުން ހޮލީވުޑްގެ މިއުޒިކްގެ އެންމެ ބޮޑެތި ނަންތައް ކަމަށްވާ ސްޓީވީ ވޮންޑާ އާއި ޕޯލް މެކާޓްނީ އާއި ޖެނިފާ ލޮޕޭޒް އަދި ލިޒޯގެ އިތުރުން ރީޓާ އޮރާ އާއި ޓޭލާ ސްވިފްޓް އާއި އެލިޝިއާ ކީސް ވެސް ވަނީ އެ ކޮންސާޓުގައި ބައިވެރިވެފަ އެވެ.
ވަން ވޯލްޑް: ޓުގެދާ އެޓް ހޯމްގެ ނަމުގައި ފެށި އޮންލައިން ކޮންސާޓް އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ލޭޑީ ގާގާގެ ވިސްނުމެކެވެ. އެފަދަ ކޮންސާޓެއް ބޭއްވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވަނީ ދެ ފަރާތުން މީގެކުރީން މަޝްވަރާކޮށްފަ އެވެ.
އެ ކޮންސާޓުގައި ލަވަކިޔުންގެ މަޝްހޫރު ލަވަތައް ލައިވްކޮށް ކިޔައިދީ ބައެއް އެކްޓަރުންގެ އެކްޓިންތަކުގެ ހުނަރުވެސް ވަނީ ދައްކާލައިފަ އެވެ.
އެ ކޮންސާޓުގެ އެހީގައި ވަނީ ބޮޑު އެހީތެރިކަމެއް ފަންނާނުން ހޯދައިފަ އެވެ. އެގޮތުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮވިޑް ރިލީފް ފަންޑަށް، ފަންނާނުން ވަނީ 127 މިލިއަން ޑޮލަރުގެ އެހީއެއް ހޯދައިދީފަ އެވެ.