ކޮވިޑް- 19 ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ކޮންޓެކްޓް ޓްރޭސިން އަށް ދޮގު މައުލޫމާތު ދޭ މީހުންނަށް އޮތީ ދެ ގޮތެއް ކަމަށާއި އެއީ ތެދު ބަހުން ކިޔައިދިނުން ނޫނީ ޖަލަށް ދިޔުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިއަދު "ސަން" އަށް ވިދާޅުވީ އެންމެ މީހެއްގެ ސަބަބުން ދިވެހި ހުރިހާ ރައްޔިތުން ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

ކޮވިޑް-19 ޖެހިފައިވާ މީހަކު ކޮންޓެކްޓް ޓްރޭސިންއަށް ދޮގު މައުލޫމާތު ދެމުން އަންނަ ކަމަށާއި މިރެއާ ހަމައަށް އެމީހާ ތެދުބަހުން މައުލޫމާތު ނުދޭނަމަ ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ ދޮގު މައުލޫމާތު ދޭނަމަ އެމީހާ ގާނޫނާ ކުރިމަތިލާންޖެހޭނެ ކަމަށާއި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ފެއްޓޭނެ ކަމަށެވެ.

"ދެން އެހިސާބުން ފުލުހުން އެމީހެއްގެ ފޯނު އަތުލައި ފޯނުގައި ހުރި މައުލޫމާތު އެއްކުރާނެ. ގާނޫނުލް އުގޫބާތުގެ ދަށުން ގިނަ ދައުވާތަކެއް ކުރެވޭނެ. އެ ކުށްތަކުގައި އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށް ދާންޖެހޭނެ،" ޝަމީމް ވިދާޅުވިއެވެ.

އެމީހާއަށް މިހާރު އިތުރު ގޮތެއް ނެތް ކަމަށާއި އޮތީ ޖަލަށް ދިޔުން ނުވަތަ ތެދު މައުލޫމާތު ދިނުން ކަމަށް ޝަމީމް ވިދާޅުވިއެވެ.