19 Apr 2020, 18:56
ރާއްޖޭގައި ކޮވިޑް19 ފެތުރުމުން އަންނާތީ، ބަލިއިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައިޖީއެމްއެޗް ތެރޭގައި މައްޔިތުންގެ މޫނު ދެއްކުން ވަގުތީގޮތުން މެދުކަނޑާލަން އެ ހޮސްޕިޓަލުން ނިންމައިފިއެވެ.
އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެ ސަރަހައްދު ރެޑް އެލާޓުގައި އޮތް އިރު، މުޖުތަމައުގައި ބަލިޖެހިފައި، ނަމަވެސް އެކަން ނޭނގި، އަދި ބަލީގެ އަލާމާތްތައް ނުފެނި ގިނަ އަދަދެއްގެ ބަޔަކު ތިބޭނެ ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ކަމަށެވެ.
އަދި މިފަދަ ހާލެއްގައި ހޮސްޕިޓަލްގެ ތެރެއަށް ބަލި ވަދެ، ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ އެނޫންވެސް މުވައްޒަފަކަށް ބަލި ޖެހިއްޖެނަމަ، މުޅި މުޖުތަމައުއަށް އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ.
އަދި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ބަޔާންނުކުރެވޭ ވަރުގެ ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އައިޖީއެމްއެޗް އިން ބުނީ މީގެ ކުރިން އެ ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން، ގިނަ އަދަދެއްގެ ބަޔަކު މައްޔިތާގެ މޫނު ދެކިލުމަށް ހޮސްޕިޓަލަށް އަންނަ ކަމަށެވެ.
"މިއީ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލަށް ޖަމާވާ އާންމުންނަށް ވެސް ބަލި ފެތުރިދާނެ ފަދަ ކަމަކަށްވާތީ، އަދި ޖުމްލަ ގޮތެއްގައި މި ވަގުތު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ހާލަތަށް ބަލާއިރު ހަމަ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫންކަން އެންމެހާ ރައްޔިތުންވެސް ގަބޫލުފުޅު ކުރައްވާނެއެވެ." ބަޔާނުގައިވެއެވެ.
އެހެންކަމުން ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މައްޔިތާގެ މޫނު ދެކިލުމަށް ނުވަތަ އެނޫންވެސް ގޮތަކުން މައްޔިތާ ދެކިލުމަށް އެދޭ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީން ސަހަރާގައި އެ އިންތިޒާމުތައް ހަމަޖައްސާ ގޮތަކަށް އަމަލުކުރަން އައިޖީއެމްއެޗް އިން ވަނީ އަންގައިފައެވެ.
އައިޖީއެމްއެޗް އިން ބުނީ މިހާރު އޮތް ނުރައްކާތެރި، ނާޒުކު ހާލަތުގެ ސަބަބުން މޫނު ބެލުމަށް ހޮސްޕިޓަލުގެ ތެރެއަށް އާންމުންނަށް ވަނުމަށް ހުއްދަ ދެވެން ނެތް ކަމަށެވެ.