ވޮޝިންޓަން (19 އެޕްރީލް 2020) : އެމެރިކާގައި ކޮރޯނާވައިރަސް "ކޮވިޑް-19" ޖެހިފައިވާ މީހުން ދެނެގަތުމަށް ޓަކައި ކުރި ބައެއް ޓެސްޓްތަކަކީ އިތުބާރުހުރި ޓެސްޓްތަކެއް ނޫންކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން "އެފްޑީއޭ" އިން ބުނެފި އެވެ.

އެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމަށް ޓަކައި އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން "ސީޑީސީ" ން ބޭނުންކުރި ބައެއް ޓެސްޓް ކިޓްތަކަކީ އެފްޑީއޭގެ މިންގަނޑުތަކަށް ފެތޭ ކިޓްތަކެއް ނޫންކަމުގަ އެވެ.

ސީޑީސީ އިން ބޭނުންކުރި ބައެއް ކިޓްތަކަކީ ޚުދު ސީޑީސީގެ ލެބޯޓްރީތަކުގައި އުފައްދާފައިވާ ކިޓްތަކަކަށްވީ ނަމަވެސް އެއީ އެފްޑީއޭ ން ކަނޑައަޅާފައިވާ ސައެންޓިފް މިންގަނޑުތަކާ އެއްގޮތަށް އުފައްދާފައިވާ ކިޓްތައް ނޫންކަމުން އެކިޓްތަކުން ކުރި ޓެސްޓްތަކުގެ ނަތީޖާ ސައްހަ ނުވާނެކަމަށް އެބަޔާން ބުނެއެވެ. އެފްޑީއޭ އިންވަނީ އެއިދާރާގެ ރަސްމީ މިންގަނޑުތަކަށް ނުފެތޭގޮތަށް އުފައްދާފައިވާ ކިޓްތަކުން ކޮވިޑް-19 އަށް ކުރި ޓެސްޓްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެފައެވެ.

ސީޑީސީ ގެ ދެ ލެބޯޓްރީއަކުން އުފައްދާފައިވާ ބައެއް ކިޓްތަކުގައި މައްސަލަ އުޅޭކަން އެނގުނީ އެކަމަށް ޝައްކުކުރެވިގެން ބެލިބެލުންތަކުންނެވެ. މިކަން ބެއްލެވީ އެމެރިކާގެ ޑައިގްނޯސްޓިކްސް އެންޑް ރޭޑިއޮލޮޖިކަލް ތަޖްރިބާކާރެއް ކަމަށްވާ ޑރ. ޓިމޮޓީ ސްޓެންޒެލް ކަމާބެހޭ ޓެކްނީޝަނުންގެ ޓީމަކާއެކު ސީޑީސީގެ ލެބްތަކަށް ވަޑައި އެލެބްތައް ޗެކް ކުރެއްވުމުންނެވެ.

ޑރ. ޓިމޮޓީ ކުރެއްވި ތަހްގީގަށް ފަހު ނެރުއްވި ރިޕޯޓްގައި ސީޑީސީ ގ ދެ ލެބޯޓްރީއަކުން ކޮވިޑް-19 ގެ ބައެއް ޓެސްޓް ކިޓްތައް އުފައްދާފައި ވަނީ ކޮވިޑް-19 ވައިރަހުގެ ސަބަބުން އެ ކިޓްތައް ތަޣައްޔަރުވެފައިވާ ފަދަ ހާލަތެއްގައިކަން ފާހަގަ ކުރައްވާފައިވެ އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން

މިހެން ދިމާވީ ކިޓްތައް އުފެއްދި ލެބޯޓްރީތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ހަށިގަނޑުން ނަގާފައިވާ ސާމްޕަލްތަކެއް ބަހައްޓާފައި ހުރުމުގެ ސަބަބުންނާއި ލެބް ޓެކްނީޝަނުން ލެބަށް ނިކުންނައިރު ހެދުން ބަދަލުނުކުރުންފަދަ ކަންކަމުގެސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ. މިގޮތަށް ކަންކަން ގޮސްފައި ވަނީ ފަރުވާކުޑަވުމާއި ރަނގަނޅަށް ސްޕަވައިޓް ނުކޮށް އަވަސްއަރުވާލައިގެންކަންކަން ކުރުމުގެ ސަބަބުންކަން ވެސް ޑރ. ޓިމޮޓީގެ ރިޕޯޓްގައި ފާހަގަ ކުރައްވާފައިވެ އެވެ.

އެމެރިކާ އިން އުފެއްދި ކޮވިޑް-19 އިގެ ބައެއް ޓެސްޓް ކިޓްތަކުގެ ހާލަތު މިގޮތަށް ހުރިކަން ހާމަވެފައިވާއިރު ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި އެމެރިކާ އީޖާދުކުރިވަރުގެ އިތުބާރުހުރި ޓެސްޓް ކިޓްތަކެއް އެހެން އެއްވެސް ގައުމަކަށް އުފެއްދިފައިނުވާ ކަމަށް ވިދާޅުވެ ފަޚުރުވެރިކަމާއެކު ވާހަކަ ދައްކަވާފަ އެވެ. އަދި ޓްރަމްޕް ވަނީ ޗައިނާއިން އުފައްދާފައިވާ ޓެސްޓް ކިޓް ތަކަކީ ފެންވަރުނެތް ތަކެތިކަމަށްވެސް ސިފަކުރައްވާފަ އެވެ.

އެމެރިކާގައި ކޮވިޑް-19 ފެތުރުނީ ޗައިނާއާއި ޑަބްލިޔޫއެޗްއޯ އިން އެވައިރަސް އާބެހޭ ސައްހަ މައުލޫމާތު ދީފައިނުވާތީއާއި އެދެފަރާތުން ކަންކަން ސިއްރުކުރުމުގެ ސަބަބުންކަމަށް ވިދާޅުވެ ޓްރަމްޕް ޗައިނާއަށާއި ޑަބްލިޔޫއެޗްއޯ އަށް އިންޒާރުތައް ދެއްވާފައި ވަނީ އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންވަރާއި އެރޯޣާ ޖެހިގެން މަރުވާމީހުންގެ އަދަދު އާދަޔާ ޚިލާފަށް މައްޗަށްގޮސް އެކަން ކޮންޓްރޯލް ކުރުމަށް ޓްރަމްޕްގެ ސަރުކާރު ނުކުޅެދުމާއެކު އެމެރިކާގެ އެތެރެއިން އޭނާއަށް ފާޑުކިޔުންތައް އަމާޒުވުމުންނެވެ. އޭގެކުރިން ޓްރަމްޕްވަނީ ޗައިނާއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރި ބުރަ މަސައްކަތަށް ތައުރީފް ކުރައްވައި ވާހަކަވެސް ދައްކަވާފަ އެވެ.

ޗައިނާއާއި ޑަބްލިޔޫއެޗްއޯ އިން ކޮވިޑް-19ގެ ސައްހަ މައުލޫމާތު ފޯރުކޮށްނުދޭކަމަށް ވިދާޅުވެ ޓްރަމްޕް އެދެފަރާތަށް އިންޒާރު ދެއްވިއިރު ޓްރަމްޕްވަނީ އެރޯގާ އެމެރިކާގައި ފެތުރިދާނެކަމާއި އޭގެ ނުރައްކާތެރިކަން ބަޔާންކޮށް އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ދިން މައުލޫމާތާއި އެރޯގާއަށް ސަމާލުވުމަށްއެދި އެމެރިކާގެ ސިއްހަތާބެހޭ ވަޒީރު އެންގެވި އެންގުންތަކަށް އަޅާނުލައްވައި ދޫކޮށްލެއްވި ކަމުގެ ތުހުމަތު އެމެރިކާގެ އިދިކޮޅު ފަރާތްތަކުންވަނީ ޓްރަމްޕްގެ މައްޗަށް ކުރައްވާފައެވެ. (ސީއެންއެން + އެމެރިކާގެ މީޑިއާ ރިޕޯޓްތައް)