19 Apr 2020, 17:26
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނޭ ޕޭޝަންޓް 36 އަކީ، ހުޅުމާލޭގައި ބިދޭސީން ބޭތިއްބުމަށް ދާދިފަހުން ގާއިމުކޮށްފައިވާ ފެސިލިޓީ، އަމީން ހިޔާ އެކަމަޑޭޝަން ފެސިލިޓީގައި ހުރި މީހެއް ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން މާލޭގެ ތޮށްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން ހާއްސަ ވަގުތީ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ. ޖުމްލަ 1،000 މީހުންގެ ޖާގައިގެ ފެސިލިޓީއަކީ ބިދޭސީންނާއި ދިވެހީންގެ ރައްކާތެރިކަމަށް ގާއިމުކޮށްފައިވާ ފެސިލިޓީއެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު ޕޮޒިޓިވްވި ޕޭޝަންޓް 36 އަކީ މިމަހުގެ 12 ވަނަ ދުވަހު އެ ފެސިލިޓީއަށް ބަދަލުވި މީހެއް ކަމަށެވެ.
"މި މީހާއަކީ އަންޑޮކިއުމެންޓެޑް މީހެއް. އެގޮތުން މާލޭގެ ބައެއް އެކޮމޮޑޭޝަންގައި ތޮށްޖެހިފައި ތިބި މީހުން އެކި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން 12 ވަނަ ދުވަހު އަމީން ހިޔާގެ ސްޓާފް ކުއާޓާ އަށް ބަދަލުކުރިފައި ވަނީ،" އޭނާ ވިދާޅުވިއެވެ.
އެމީހާގެ ފަރާތުން މައުލޫމާތު ލިބޭގޮތުގައި، އޭނާ ހުން އައިސްގެން މިދިޔަ ބުދަ ދުވަހު މާލެ އައިސްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"އޭނާ ފުރަތަމަ އަމިއްލައަށް ބޭސްފިހާރައަކުން އަމިއްލައަށް ބޭސް ގަނެގެން ކައިގެން ހުރެފައި، އިއްޔެ ފްލޫ ކްލިނިކަށް ގޮސްފައިވަނީ،" އޭނާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ މިވަގުތު އޭނާ ހުރީ މާލޭގެ ގެއެއްގައި ކަމަށެވެ. އަދި އެ ހިމެނޭ ސަރަހައްދު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް ނަޒްލާ ފާހަގަކުރެއްވިއެެވެ. އަދި އޭނާ ހުޅުމާލޭގައި ހުރި ފެސިލިޓީވެސް ވަނީ މިހާރު މޮނިޓަރިންނަށް ގެންގޮސްފައި ކަމަށާއި އެތަނުގައި ބަލީގެ އަލާމާތްހުރި އެއްވެސް މީހަކު ބެލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.