19 Apr 2020, 17:25
މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުން ނިމެންދެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީ ބިލްޑިންއާއި ރޭޑިއޯ ބިލްޑިން ލޮކްޑައުންކޮށް، މުވައްޒަފުން އޮފީހުގައި މަޑުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ދެ އިމާރާތް "ފުލް ލޮކްޑައުން"ގެ ހާލަތަކަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ދެ އިމާރާތަށް ވަދެ ނުކުމުން މިހާރު ވަނީ ހުއްޓާލައިފައެވެ. މިއާއެކު ޕީއެސްއެމްގެ ސްޓާފުންވެސް ތިބީ އޮފީހުގައެވެ.
މިއީ ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް، ޕީއެސްއެމްގެ މުވައްޒަފުންނާއި އާންމު ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއްކަމަށް ޕީއެސްއެމް އިން ބުންޏެވެ.
ޕީއެސްއެމްއިން ބުނީ މި ހާލަތުގައި ޕީއެސްއެމްއިން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން ނެރެގެން ކަމަށެވެ.
މަދު މުވައްޒަފުންނާއެކު ވެސް މި ދަނޑިވަޅުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޕީއެސްއެމްގެ ލައިވް ސްޓްރީމް ޓްރާންސްމިޝަން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
އަދި ޕީއެސްއެމްއިން ކަވަރުކޮށް އެހެން ޗެނަލްތަކަށް ފޯރުކޮށްދެމުންދާ ޕްރެސް ބްރީފިންގތަކާ އަދި އެހެނިހެން އިވެންޓްތަކުގެ ފީޑް ކުރިއެކޭ އެއްގޮތަށް އެހެން ޗެނަލްތަކަށް ލިބެމުން ދާނެކަމަށްވެސް ބުނެފައިވެއެވެ.