ޖަލުތަކުގައި ތިބި ގައިދިންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ކަރެކްޝަންސް އިން ބުނީ ކޮރޯނާ އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި، ޖަލުގައި ތިބި ގައިދިންގެ އާއިލާތަކުގެ ފަރާތުން ގައިދީނަށް އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މިއީ މިހާރު މިއޮތް ހާލަތުގައިވެސް، ޖަލުގައި ތިބޭ ފަރާތްތަކަށް ކެންޓީނު މެދުވެރިކޮށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށްޓަކައި، އެ ފަރާތްތަކުގެ އާއިލާއިން ފައިސާ ފޮނުވުމުގެ ކަންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކޮށްފައިވާ އިންތިޒާމެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މި އުސޫލުގެ ދަށުން އޮންލައިންކޮށް ފައިސާ ފޮނުވުމަށް ހަމަޖައްސާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު، ފައިސާ ޖަމާކުރި ސްލިޕް ނުވަތަ އޭގެ ސްކްރީންޝޮޓް، ފައިސާ ލިބެންވި ގައިދީ ނުވަތަ ބަންދު މީހާގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރާއި ފައިސާ ފޮނުވި ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރުގެ އިތުރުން ފޮނުވި ފައިސާގެ އަދަދާއި ފައިސާ ޓްރާންސްފާ ކުރި އެކައުންޓްގެ ނަން ބަޔާންކޮށް[email protected]އަށް އީމެއިލް ކުރުމަށް ކަރެކްޝަންސް އިން އެދެއެވެ.

އަދި މި މައުލޫމާތާއެކު އީމެއިލް ފޮނުވުމުން، އެ ފައިސާ ލިބުނުކަން ކަށަވަރުކޮށް ފައިސާ ލިބުނުކަމުގެ ރަސީދު ފައިސާ ފޮނުވާ ފަރާތަކަށް ފޮނުވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކޮރޯނާ އާއި ގުޅިގެން ގައިދީންނަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އާއިލާ އާ ބައްދަލު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.