19 Apr 2020, 15:51
ރާއްޖޭގައި ކޮރޯނާވައިރަސް، ކޮވިޑް19 ފެތުރެމުން އަންނާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި، ނަމާދުގެ ޖަމާއަތް ހެދުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން، މި މަހުގެ 30 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދު އަދި ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާ ކަމަށެވެ.
މިއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށް ބަޔާނުގައިވެއެވެ.
މިނިސްޓްރީން ވަނީ މި މުއްދަތުގައި އިސްލާމިކް މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.
ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް މެދުކަނޑާލަން އަންގާފައިވާއިރު، މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުން، މާލެ ސިޓީ އާއި ސަރުކާރުން އަރާ ފޭބުން މަނާކުރާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އޮތީ މަނާކޮށްފައެވެ.
މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއެވެ.