19 Dec 2011, 09:54
ހަމާސްޖަމާއަތާ އެކު އިސްރާއީލުން ވެފައިވާ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 550 މީހުން މިއަދު މިނިވަންކޮށްފި އެވެ.
އިސްރާއީލުން ދޫކޮށްލި ފަލަސްތީނު މީހުން ދޫކޮށްލުމުގެ ދެތިން ގަޑިއިރު ކުރިން ހުޅަނގުއައްސޭރީގައި އިސްރާއީލުން ގާއިމްކޮށްފައިވާ ޗެކްޕޮއިންޓެއްގެ ކައިރީގައި ފަލަސްތީނު މީހުންނާއި އިސްރާއީލް ސިފައިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފަ އެވެ.
މިއަދު ދޫކޮށްލި 550 މީހުން ދޫކޮށްލުމުން މިސްރު މެދުވެރިވެގެން ހަމާސް އާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކޮށްލަން ޖެހޭ 1027 މީހުން ދޫކޮށް ނިމުނީ އެވެ. ފަލަސްތީނުގެ 1027 މީހުން ދޫކޮށްލުމަށް އިސްރާއީލުން އެއްބަސްވީ ހަމާސްގެ ހަނގުރާމަވެރިން 2006 ވަނަ އަހަރު ރަހީނު ކުރި އިސްރާއީލު ސިފައިންގެ މީހާ ގިލާޑް ޝާލިތު މިނިވަންކުރުމުގެ ބޭނުމުގަ އެވެ.
ގައިދީން މިނިވަންކުރުމާ ގުޅިގެން ހަމާސް އިން ބުނެފައި ވަނީ ސިޔާސީ ގޮތުން ކޮންމެ ބަޔަކާ ގުޅިފައިވާ ބައެއް ނަމަވެސް އެމީހުން މިނިވަން ވުމަކީ ކާމިޔާބެއް ކަމުގައި އެޖަމާއަތުން ދެކޭ ކަމަށެވެ.
ޝާލިތު މިނިވަން ކުރުމަށް އިސްރާއީލުން 1027 ފަލަސްތީނު މީހުން ދޫކޮށްލިޔަސް އިސްރާއީލު ޖަލުތަކުގައި އަދިވެސް ފަލަސްތީނުގެ 4250 މީހުން އެބަތިއްބެވެ. އަދި މިފަހަރުގެ އެއްބަސްވުމުގެ ދަށުން މީހުން ދޫކޮށްލުމުގެ ފުރަތަމަ ބުރު ނިމުނު ފަހުން މިއަދާ ހަމައަށް އިސްރާއިލު ސިފައިން ވަނީ ފަލަސްތީނުގެ އެތައް ބަޔަކު އަލުން ހައްޔަރުކޮށްފަ އެވެ.