19 Apr 2020, 15:06
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް މާލެ އިން ޕޮޒިޓިވް މީހެއްގެ ފަރާތުން، ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ނުލިބޭ ކަމަށާއި މިރޭ އޭނާގެ ޒާތީ މައުލޫމާތު ހާމަ ކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ރާއްޖޭއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ނުވެ ދުވަސްތަކަކަށް ފަހު މިދިޔަ ބުދަ ދުވަހު ވަނީ މީހަކު ޕޮޒިޓިވް ވެފަ އެވެ. ޓްރެވަލް ހިސްޓްރީއެއް ނެތް އެ މީހާ އަށް ފަހު، ފަސް ދުވަހުގެ ތެރޭގައި ވެރިރަށް މާލެ އިން ކޮވިޑް-19 އަށް ވަނީ 31 މީހަކު ޕޮޒިޓުވް ވެފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ސިލްސިލާ ގޮތެއްގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޭއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެކަކުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި އެ މައުލޫމާތު ހޯދުމަށް މިހާރު މަސައްކަތް ކުރަނީ ފުލުހުން ކަމަށެވެ.
"މިގޮތުން ވެސް އެކަށީގެންވާ އެއްބާރުލުން ނުލިބެއްޖެ ނަމަ މިރޭގެ ޕްރެސްގެ ކުރިން އަޅުގަނޑުގެމެން ޑެޕިއުޓީ ޖެނަރަލް އެމީހާއާ ގުޅޭ ޒާތީ މައުލޫމާތު ހާމަ ކުރާނެ މީޑިއާތަކަށް،" މަބްރޫކް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވަހާކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް މީހުންގެ ކޮންޓެކްޓް ޓްރޭސިން އަދިވެސް އެއްކޮށް ނުނިމޭ ކަމަށާއި ބައެއް މީހުންގެ ފަރާތުން ހަނދާނެ ނެތިގެން ދެވުނު ތަނެއް ނުބުނެވި ހުރުމަށްފަހު ހަނދާންވުމުން އަމިއްލައަށް ވެސް އެ މައުލޫމާތު ހިއްސާ ކުރާ ކަމަށެވެ.
މާލެއިން އިއްޔެއާ ހަމައަށް ފެނުނު 14 ކޭސް ބެހިގެން ވަނީ ތިން ކްލަސްޓާއަކަށެވެ. އެއީ ޕޭޝަންޓް 21، ޕޭޝަންޓް 27 އަދި ޕޭޝަންޓް 28 އެވެ. އެމީހުންނަށް ވައިރަސް ޖެހުނީ ކާކުގެ ފަރާތުން ކަމެއް އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
މާލެ އިން ޖުމްލަ 31 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެޗްޕީއޭއިން ބުނި ގޮތުގައި މިއަދު އަލަށް ޕޮޒިޓިވްވި 13 ބަންގްލަދޭޝް މީހުންނަކީ، މީގެ ކުރިން ޕޮޒިޓިވްވި، ޕޭޝަންޓް 21ގެ ކޮންޓެއްގެ ތެރެއިން ކޮންޓެކްޓެކެވެ. ނަމަވެސްް އެ ކޭސް ނަމްބަރެއް ނުބުނެ އެވެ.