ޕޮޒިޓިވްވި ބަންގްލަދޭޝްގެ 13 މީހުންނަކީ ލިލީ އެންޓަޕްރައިސަސްގައި މަސައްކަތް ކުރާ ބައެއް ކަމަށާއި އެ އެންމެން ނިދައި ހަދަނީ އެއް ތަނެއްގައި ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފި އެވެ.

މިއަދު މާލެއިން ޕޮޒިޓިވްވި ކޭސްތަކާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ މި 13 މީހުންނަކީ ޕޭޝަންޓް 27 އާ ގުޅުންހުރި މީހުން ކަމަށެވެ.

ޕޭޝަންޓް 27 އަކީ ލިލީގެ ހޯލް ސޭލް ބައިގައި މަސައްކަތް ކުރަމުން އައި، ދިވެހި އަންހެން މުވައްޒަފެކެވެ.

"ކޭސް 37 އިން ފެށިގެން ކޭސް 49 އާއި ހަމައަށް 13 މީހަކު ޖުމްލަ. މި 13 މީހުންނަކީ ކޭސް 27 އާ ގުޅުން ހުރި މީހުން ކަމަށް މި ބެލެވެނީ. މި 13 މީހުންނަކީވެސް ލިލީ ކުންފުނީގައި މަސައްކަތް ކުރާ 13 މީހުން. އަދި އެއް އެކޮމޮޑޭޝަންއެއްގައި ތިއްބަވާ ބޭފުޅުން،" މަބްރޫކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މީހުންގެ އޮކޮމޮޑޭޝަން ބްލޮކް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

މިއަދުގެ މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހުގެ 51 ކޭސް ފެނިފައިވާއިރު މާލެއިން 31 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

މިއަދު ފްލޫ ކުލިނިކަށް ދެއްކި، ބަންގްލަދޭޝްގެ މީހަކުވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ. އެހެން ނަމަވެސް އެ މީހާ ނިސްބަތްވާ ކްލަސްޓާ އަދި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިހާތަނަށް މާލެއިން 16 ބިދޭސީއަކަށް ބަލި ޖެހިފައިވާއިރު މިއަދުގެ މިހާތަނަށް އެކަނިވެސް މާލެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 16 އަށް އަރަ އެވެ.

މާލެއިން ކޮވިޑްގެ ކޭހެއް ފެނި، މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށްފައިވާއިރު ކޮވިޑަށް ޝައްކު ކުރެވޭ މީހަކު ދަތުރުކުރި ބޯޓެއް ހއ އަދި ހދގެ ބައެއް ރަށްރަށުގައި ބަނދަރުކޮށްފައި ވާތީ، އެ އަތޮޅުގެ ބައެއް ރަށްރަށްވެސް މިހާރު ވަނީ ލޮކްޑައުން ކޮށްފަ އެވެ.

އެ މީހާގެ ސްކްރީން ޕްރޮސެސް އިން އޭނާ ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާއިރު ކޮވިޑް19 އަށް އޭނާ ޕޮޒިޓިވްތޯ ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.