19 Apr 2020, 14:49
ހއ. އުލިގަމުން ޓެސްޓް ހެދި ދިވެއްސެއްގެ ސްކްރީނިންގެ ނަތީޖާ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ހާމަކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭނާގެ ސްކްރީނިން އިން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ކޮންފަމޭޝަން ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ސްކްރީނިން އިން ޕޮޒިޓިވް ވެފައި ވަނީ އެ ރަށު މީހެއް ކަމަށެވެ.
އަދި މިފަހުން، އަމިއްލަ ކަމަކު މާލެ އައިސް ހުރުމަށްފަހު ކަނޑު ބޯޓެއްގައި އެމީހާ އުލިގަމަށް ދިޔައީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެއާއެކު އެމީހާ ދަތުރުކުރި ބޯޓުން ދަތުރުކުރި އެހެން މީހުން ފޭބި ރަށްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަށާއި، އެ ރަށްތައް ވެސް މޮނިޓަރިން އަށް ގެނެސްފައިވާ ކަމަށެވެ.
އެ ބޯޓު މި ހއ. އަދި ހދ. ގެ ބައެއް ރަށްރަަށަށް ޖައްސާފައިވާކަމަށް އެނގިފައިވެ އެވެ.
މިވަގުތު އުލިގަމް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި އެ ބޯޓު ޖެއްސި ހއ. އިހަވަންދޫ، ނޮޅިވަރަންފަރު، ތުރާކުނު އަދި ވައިކަރަދޫ ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
އޭނާގެ ފުރަތަމަ ޓެސްޓް ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، އޭނާއަކީ ބަލިޖެހިފައިވާ މީހެއް ކަމަށް ކަނޑައަޅާނީ ދެވަނަ ޓެސްޓުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ. އޭނާގެ ދެވަނަ ސާމްޕަލް ވެސް ޕޮޒިޓިވް ވެއްޖެނަމަ، މި ކޭސް ވެގެންދާނީ، މާލެއިމް ބޭރުން، މީހުން ދިރިއުޅޭ ރަށަކުން ޕޮޒިޓިވްވި ފުރަތަމަ ކޭސް އަށެވެ.
މިމަހުގެ 15 ވަނަ ދުވަހު މާލެއިން ވަނީ ކޮވިޑްގެ ކޭހެއް ފެނިފަ އެވެ. އެއާއެކު މާލެ ލޮކްޑައުން 14 ދުވަހުގެ ކާފިއު އިއުލާނުކޮށްފައިވާއިރު މިމަހުގެ 15 ވަނަ ދުވަހުގެެ ފަހުން މާލެއިން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އަމިއްލަ އަށް އެކަހެރިވުމަށް އެޗްޕީއޭ އިން ރޭ ވަނީ އަންގައިފަ އެވެ.
މާލެއިން ފެނުނު ކޮވިޑް-19ގެ 31 ކޭސްއާ އެކު އެ ބައްޔަށް މިހާރު ވަނީ ރާއްޖެއިން ޖުމްލަ 51 މީހަކު ޕޮޒިޓިވް ވެފަ އެވެ.
އޭގެ ތެރޭގައި ބަންގްލަދޭޝްގެ 15 މީހަކާއި، އިންޑިއާ ދެ މީހުންގެ އިތުރުން ދެން ހިމެނެނީ ދިވެހިންނެވެ.