19 Apr 2020, 14:34
މާލެއިން އިންޑިއާގެ ދެ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ މާލެއިން އެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ކުރި ޓްވީޓެއްގައި ބުނީ އިންޑިއާ ދެމީހެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރިއިރު ބައްޔަށް ޕޮސިޓިވްވެފައި ވާ ކަމަށެވެ. އެމީހުންނަކީ މާލެއިން ޕޮސިޓިވްވި ކޭސް 28 އާ ގުޅުން ހުރި ކޮންޓެކްސްޓްސް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އެމީހުންގެ ކިބައިގައި ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ޕޮސިޓިވްވި އިންޑިއާގެ ދެމީހުންނަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ އޭސީ މަރާމާތު ކުރުމުގެ ހިދުމަތް ދޭ ދެ ޓެކްނީޝަނުން ކަމަށެވެ. އެ ދެމީހުން ބައެއް ގޭގޭގެ އޭސީ ސާވިސް ކުރުމަށް ގޮސްފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެކަމާ ގުޅިގެން އެމީހުން ދިޔަ ބައެއް ގޭގެ މިހާރު ހޯދިފައިވާ ކަމަށާއި އަދި ބައެއް ގޭގެ ދެނެގަންނަން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އިންޑިއާ ދެމީހުންނާއެކު މާލެއިން މިއަދު އެކަނި 16 މީހަކު ވަނީ ޕޮސިޓިވްވެފަ އެވެ. އޭގެ ތެރޭގައި ދެން ހިމެނެނީ ބަންގްލަދޭޝްގެ 14 މީހެކެވެ. އެ ހުރިހާ ކޭސްއެއްގެވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެޗްޕީއޭއިން ވަނީ ފަށާފަ އެވެ. މިހާރު ރާއްޖެއިން މީހުން ޕޮސިޓިވްވި އަދަދު 51 އަށް އަރައިފި އެވެ.