19 Apr 2020, 14:28
މާލޭގައި ދިރިއުޅެމުން އަންނަ އިތުރު 13 ބަންގްލަދޭޝް މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މިއަދު އަލަށް ޕޮޒިޓިވްވި 13 ބަންގްލަދޭޝް މީހުންނަކީ، މީގެ ކުރިން ޕޮޒިޓިވްވީ ދިވެހި އަންހެނެއް ކަމަށްވާ ޕޭޝަންޓް 27އާ ސީދާ ދިމާވި ނޫނީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އެނގިފައިވާ ގޮތުގައި ޕޭޝަންޓް 27 އަކީ، ރާއްޖޭގެ ހޯލް ސޭލްގެ ވިޔަފާރި ކުރާ ކުންފުންޏެއްގައި މުވައްޒަފެކެވެ.
މިއަދު ފްލޫ ކުލިނިކަށް ދެއްކި، ބަންގްލަދޭޝްގެ މީހަކުވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ. އެހެން ނަމަވެސް އެ މީހާ ނިސްބަތްވާ ކްލަސްޓާ އަދި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އެއާ އެކު މާލެއިން މިހާތަނަށް މި ވަނީ 14 ބިދޭސީއަކަށް ކޮރޯނާވައިރަސް ޖެހިފަ އެވެ.
މިއަދު އެކަނި މާލެއިން 16 މީހަކު މި ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
މީގެ އިތުރުން، ބްރައިޓް ބްރަދާސްގައި އޭސީ ހަދައިދިނުމުގެ ހިދުމަތްދޭ އިންޑިއާ ދެ މީހަކުވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
މާލެއިން ފެނުނު ކޮވިޑް-19ގެ 31 ކޭސްއާ އެކު އެ ބައްޔަށް މިހާރު ވަނީ ރާއްޖެއިން ޖުމްލަ 51 މީހަކު ޕޮޒިޓިވް ވެފަ އެވެ.
މާލެއިން ކޮވިޑްގެ ކޭހެއް ފެނި، މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށްފައިވާއިރު ކޮވިޑަށް ޝައްކު ކުރެވޭ މީހަކު ދަތުރުކުރި ބޯޓެއް ހއ އަދި ހދގެ ބައެއް ރަށްރަށަށް ޖައްސާފައިވާތީ އެ އަތޮޅުގެ ބައެއް ރަށްރަށްވެސް މިހާރު ވަނީ ލޮކްޑައުން ކޮށްފަ އެވެ.