19 Dec 2011, 09:28
އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން އިލް އަވަހާރަވެއްޖެ އެވެ. އެ ގައުމުގެ ގައުމީ ޓީވީން ބުނީ ކިމް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ. ކިމް އަވަހާރަވީ މިލިޓަރީ ފީލްޑް ޓްރިޕެއްގައި ނުކުމެވަޑައިގެން ރޭލެއްގައި އިންނަވަނިކޮށް ހޮނިހިރު ދުވަހު އެވެ. ކިމްގެ އޮޓޯޕްސީ ހެދުމަށް ފަހު ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހިތާމައިގެ ދުވަސްތަކެއްގެ ގޮތުގައި އުތުރުކޮރެއާ ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. ކިމް އަވަހާރަވިކަން އިއުލާން ކުރުމާ ގުޅިގެން އަވަށްޓެރި ދެކުނުކޮރެއާގެ ސްޓޮކް މާކެޓް ފަސް ޕަސެންޓަށް ވެއްޓިފައިވާ ކަމަށާއި އެ ގައުމުގެ ސަލާމަތީ ބާރުތައް ކުއްލި ހާލަތައް ގެނެސްފައިވާ ކަމަށް އެ ގައުމުގެ ޔޮން ހަޕް ނިއުސްއެޖެންސީން ވަނީ ބުނެފަ އެވެ. ކިމް އަވަހާރަވިކަން އިއުލާންކުރުމާ އެކު ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރުން ވަނީ ގައުމީ ސަލާމަތާ ބެހޭ ކުއްލި ބައްދަލުވުމަކަށް ގޮވާލާފަ އެވެ. އަދި އެގައުމުގެ ސެންޓްރަލް ބޭންކާއި މާކެޓް ރެގިއުލޭޓަރުން ވެސް ވަނީ އެފަދަ ކުއްލި ބައްދަލުވުންތައް އިއުލާންކޮށްފަ އެވެ. ކިމްޖޮން އިލްއަށް 2008 ވަނަ އަހަރު ވެސް ހާޓް އެޓޭކެއް ޖެހިވަޑައިގަތްކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް ޗައިނާއަށާއި ރަޝިޔާއަށް ކުރެއްވި ދަތުރުފުޅެއްގެ ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކެއް އާއްމުކުރުމަށް ފަހު އުތުރުކޮރެއާގެ ގައުމީޓީވީން އޭރުވަނީ އެކަން ދޮގޮކޮށްފަ އެވެ. ކިމް އަވަހާރަވެފައި މިވަނީ އުތުރުކޮރެއާގެ ލީޑަރަކު ކަނޑައެޅުމަށް ބާއްވާ ހެރިޑިޓަރީ ސެޝަން ބޭއްވުމަށް އެ ގައުމުން ތައްޔާރުވަމުން ދަނިކޮށެވެ. ކިމްއަށް ފަހު ވެރިކަން ކުރައްވާނެ ބޭފުޅެއްގެ ގޮތުގައި އޭނާގެ ތިން ވަނަ ދަރިކަލުން ކިމް ޖޮން އަން ދާދިފަހުން ކިމްޖޮން އިލް ވަނީ އާއްމުކުރައްވާފަ އެވެ. ބައްޕާފުޅު ކިމް އިލް ސަން 1994 ވަނަ އަހަރު އަވަހާރަވުމުން ވެރިކަމަށް ވަޑައިގަތް ކިމް ޖޮން އިލް އަވަހާރަވީއިރު އުމުރުފުޅަކީ 69 އަހަރެވެ. ( އަލްޖަޒީރާ)