19 Apr 2020, 14:00
ފްލޫ ކުލިނިކަށް ދެއްކި ބަންގްލަދޭޝް މީހަކު ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ދެވަނަ ބަންގްލަދޭޝް މީހާ އެވެ.
އެއާ އެކު، މާލެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16 އަށް އެރީ އެވެ.
އެޗްޕީއޭ އިން ބުނީ އެމީހާ އައިސޮލޭޝަން ފެސިލިޓީ އަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މާލެއިން ފެނުނު އެހެން ކޭހަކާ އޭނާއާ ގުޅުން އޮތްތޯ ބަލަމުންދާ ކަމަށެވެ.
މާލެއިން އެންމެ ފުރަތަމަ ކޭހެއް ފެނުނީ މިމަހުގެ 15 ވީ ބުދަ ދުވަހު އެވެ.
މާލެއިން މިދިޔަ ހަތަރު ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި، ތިން ކުޑަކުދިން ހިމެނޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެންއައިއޯސީ) އިން ވަނީ ބުނެފަ އެވެ.
އިއްޔެ އެކަނިވެސް މާލެއިން ކޮވިޑް-19އަށް ފަސް މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހަކީ ދިވެހީންނެވެ.
މާލެއިން ފެނުނު ކޮވިޑް-19ގެ ކޭސްތަކާއެކު އެ ބައްޔަށް މިހާރު ރާއްޖެއިން ޖުމްލަ 36 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި 16 ބިދޭސީން ހިމެނެ އެވެ. މިހާތަނަށް އެ ބަލި ޖެހި 16 މީހަކު ވަނީ ރަނގަޅުވެސް ވެފަ އެވެ.
މާލެއިން ކޮވިޑްގެ ކޭހެއް ފެނި، މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށްފައިވާއިރު ކޮވިޑަށް ޝައްކު ކުރެވޭ މީހަކު ދަތުރުކުރި ބޯޓެއް ހއ އަދި ހދގެ ބައެއް ރަށްރަށަށް ޖައްސާފައިވާތީ އެ އަތޮޅުގެ ބައެއް ރަށްރަށްވެސް މިހާރު ވަނީ ލޮކްޑައުން ކޮށްފައެވެ.