ކޮލަންބޯ (19 އެޕްރީލް 2020): ކޮރޯނާވައިރަސް ރޯގާ "ކޮވިޑް-19" ކޮންޓްރޯލް ކުރުމަށްޓަކައި ސްރީލަންކާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން އެގައުމުން ނިންމައިފި އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ސްރީލަންކާގައި އުފައްދާފައިވާ ޑިޒާސްޓާ މެނޭޖްމަންޓް ކޮމިޓީގެ އިސްވެރިޔާ އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑައިރެކްޓާ ޖެނެރަލް މޭޖާ ޖެނެރަލް ސުދަންތާ ރަނަސިންގޭ ވިދާޅުވީ އެވައިރަސް ކޮންޓްރޯލް ކުރުމަށް މީގެ މަހެއްހާ ދުވަސްކުރިން އަޅާފައިވާ ފުރަބަންދުކުރުމާއި ކާފިއު ގެ ފިޔަވަޅުތަކަށް ލުއިދޭން ފަށަން ނިންމާފައިވާ ކަމަށެވެ. އޭގެތެރޭގައި ބޭރަށް ނުކުމެ އުޅުމާއި އިގުތިސާދީ ހަރަކާތްތައް އަލުން ފެށުމާއި އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރުމުގެ ހުއްދަ ދިނުންފަދަ ކަންކަން ހިމެނޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މި ލުއިތައް ދޭނީ އިޖްތިމާއީ ގައިދުރުކަމާއި ސިއްހީ މިންގަނޑުތަކަށް ރިޢާޔަތް ކޮށްގެން މީހުންގެ އުޅުންތައް ބެހެއްޓުން ޝަރުތުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކާފިއު ތަންފީޒު ކުރުމަށް ސްރީލަންކާގެ ސިފައިން މަގުތަކުގައި ހަރަކާތްތެރިވަނީ

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި އުފައްދާފައިވާ ސިއްހަތާބެހޭ އިސްކޮމިޓީގެ ވެރިޔާ ސިއްހަތާބެހޭ ވަޒީރު ޕަވިތްރާ ވަންނިއަރައްޗީ ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައިވާކަމަށާ ކޮންޓްރޯލް ކުރެވުނީ ސްރީލަންކާއިން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ސްރީލަންކާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފެށުން މިހާރު އެންމެރަނގަނޅުކަމަށް ސިއްހަތާބެހޭ ތަޖްރިބާކާރުން ލަފާދިނުމާއެކު ގައުމު އަލުން ހުޅުވާލައި ދިރިއުޅުމުގެ ކަންކަން، އާންމު ހާލަތަށް ގެނައުމުގެ ހުއްދަ ދިނުމަށް އިސްކޮމިޓީން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ގާތްގަނޑަކަަށް 23 މިލިޔަން މީހުންގެ އާބާދީ އޮންނަ ސްރީލަންކާއިން ކޮރޯނާ ވައިރަސްޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ 254 މީހުންނަށެވެ. އޭގެތެރެއިން ހަތް މީހުން މަރުވެފައިވާއިރު 86 މީހުންނަށް ޝިފާ ލިބިފައިވެއެވެ. ސްރީލަންކާގައި މިހާރު ބައެއް ދުވަސްތަކުގައި ކޮރޯނާ ވައިރަސްގެ އެންމެ ހާލަތެއްވެސް ނުފެންނަކަމަށްވެއެވެ.

ސްރީލަންކާއިންއިއްޔެވަނީ އެގައުމުގެ ސަރަހައްދުތަކުގެ ތެރެއިން 19 ސަރަހައްދަކީ ކޮރޯނާ ވައިރަސްގެ އެއްވެސް ނުރައްކަލެއްނެތް ސަރަހައްދު ތަކެއްކަން އިއުލާންކޮށްފައެވެ. މިއާއެކު ފުރަބަންދާއި ކާފިއުގެ އަމުރު މާދަމާ ހެނދުނު 5:00 ފެށިގެން އުވާލާނެ ކަމަށާ، ދެން ކާފިއު އަށް އަމަލުކުރާނީ ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 5:00 އަށް ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ވެރިޔާ މޭޖާ ޖެނެރަލް ސުދަންތާ ރަނަސިންގޭ ވިދާޅުވިއެވެ.

ކޮރޯނާވައިރަސް ފެތުރެމުންދާތީ ސްރީލަންކާގައި ކާފިއުއާއި ފުރަބަންދު ގެ ފިޔަވަޅުތައް ހަރުކަށިކަމާއެކު ތަންފީޒު ކުރަން ފަށާފައިވަނީ މިދިޔަ މާޗް މަހުގެ މެދެއްހާ ހިސާބުގައެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން ސްރީލަންކާއިންވަނީ އެގައުމުގެ ބަރުލަމާނީ އިންތިޚާބުވެސް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. (ސްރީލަންކާގެ މިޑިއާ)