މެޑްރިޑް (އޭޕްރިލް 19): މިދިޔަ މަހުގެ 14އިން ފެށިގެން ގެއިން ބޭރަށް ދިޔުން މަނާ ކުރި ސްޕެއިންގެ ކުޑަކުދިންނަށް މިމަހުގެ 27އިން ފެށިގެން ބޭރަށް ދާން ހުއްދަ ދޭނެ ކަމަށް ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ސަންޗޭޒް އިއްޔެ ޓީވީ މެދުވެރިކޮށް ވިދާޅުވި ގޮތުގައި ސްޕެއިން ވަނީ މިހާރު ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ހާލަތުން އަރައިގަނެފަ އެވެ. ނަމަވެސް އަދިވެސް ގައުމު އޮތީ ނާޒުކު ހާލަތެއްގައި ކަމުން، މިދިޔަ މަހުގެ 13އިގައި އިއުލާން ކުރި 'ސްޓޭޓް އޮފް އެލާމް' އަންނަ މަހުގެ ނުވައަކަށް ދަންމާލާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ނަމަވެސް ގައުމުގެ ކުޑަކުދިންނަށް ސާފު ވައި ލިބުމުގެ ފުރުސަތު ދިނުމަށްޓަކައި، ކުޑަކުދިން ބޭރަށް ނުކުތުން މަނާކޮށްފައިވާ ގަވާއިދު މިމަހުގެ 27ގައި ލުއި ކުރާނެ ކަމަށް ސަންޗޭޒް ވިދާޅުވި އެވެ. އަދި އެކަމާ ބެހޭ ގޮތުން ސަރަހައްދީ ލީޑަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާ މަޝްވަރާކޮށް، އެމީހުން ލަފާ ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެގޮތަށް ލުއި ދޭނީ 12 އަހަރުން ދަށުގެ ކުދިންނަށެވެ.

"މިހާރު އޮތް ޕްރޮޕޯޒަލްއަކީ 27އިން ފެށިގެން ކުޑަކުދިންނަށް ދުވާލުގެ ކޮންމެވެސް އިރަކު ގެއިން ބޭރަށް ނުކުމެ، ސާފު ވައި ލިބޭނެ ގޮތެއް ހެދުން،" ސަންޗޭޒް ވިދާޅުވި އެވެ.

މީގެ ކުރިން ސްޕެއިންގެ ޗިލްޑްރެންސް ރައިޓްސް ކޯލިޝަނުން ވަނީ ކުޑަކުދިން ބޭރަށް ނުގޮސް، ހެލިފެލިވެ ނޫޅެވުމުން އެކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ގެއްލުންވާނެ ކަމަށް ބުނެފަ އެވެ.

ސްޕެއިންގައި މިހާތަނަށް 194,416 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 20,639 މީހަކު ވަނީ މަރުވެފަ އެވެ. ސްޕެއިންގެ ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި އެގައުމުގައި ކޭސްތައް ޕީކްއަށް އަރާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެގައުމުން ވަނީ ކޮންސްޓްރަކްޝަން ފަދަ ބައެއް މަސައްކަތްތައް އަލުން ފަށަން ހުއްދަ ދީފަ އެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ބޭރަށް ނުދިޔުން ފަދަ ލޮކްޑައުން ގަވާއިދުތައް އަދިވެސް ދަނީ ތަންފީޒު ކުރަމުންނެވެ.