ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކިންގެ ބައެއް އަސާސީ ހިދުމަތްތައްތަކަށް މިއަދާއި މާދަމާ ބޭންކުން ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނެފައިވަނީ އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް މިއަދާއި މާދަމާގެ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:30ގެ ނިޔަލަށް ބޭންކު ހުޅުވާނެ ކަމަށެވެ.

ބީއެމްއެލް އިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައްކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި ޕޭ ރޯލް ހިދުމަތާއި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކު ޕްރޮސެސްކުރުމުގެ ހިދުމަތުގެ އިތުރުން ލޯކަލް ބޭންކް ޓްރާންސްފާ ހިދުމަތް ހިމެނެ އެވެ.

ބީއެމްއެލް އިން ވަނީ ވަކި ވަކި ހިދުމަތްތައް ފޯރުކޮށްދޭނެ ގޮތާއި ވަގުތުތައް އާންމުކޮށްފަ އެވެ.

ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން

ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން ނުވަތަ އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)ގެ ހިދުމަތް ހޯދުމަށް އެޕްލިކޭޝަނާއި ބޭނުންވާ އެހެން ލިޔުންތައް،[email protected]މެދުވެރިކޮށް ފޮނުވަން ޖެހެ އެވެ. އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް މިކަމަށް އެދި ހުށަހެޅޭނެ އެވެ. ހެނދުނު 11:00ގެ ކުރީން ލިބޭ ޓީޓީ ނުވަތަ ލެޓާ އޮފް ކްރެޑިޓް އެދުވަހެއްގައި ޕްރޮސެސްކުރާނެ އެވެ.

ޕޭ ރޯލް ހަމަޖެއްސުން

ޕޭ ރޯލްގެ ހިދުމަތަށް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ އެވެ. އެ ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/payroll-services މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. ހެނދުނު 11:00 ޖެހުމުގެ ކުރީން ލިބޭ ހުށަހެޅުންތަކެއް އެދުވަހެއްގައި ޕްރޮސެސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން

އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކްތައް ޕްރޮސެސް ކުރެވޭނީ ބޭންކް ހުޅުވޭ ދުވަހެއްގަ އެވެ. އަދި ހެނދުނު 11:30 ގެ ކުރީން ޖަމާ ކުރާ ޗެކެއް ނަމަ އެ ދުވަހެއްގައި ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ލޯކަލް ބޭންކް ޓްރާންސްފާ

ބީއެމްއެލް އިން ބުނީ ހެނދުނު 10:00 ޖެހުމުގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ. އަދި ހެނދުނު 11:30 ގެ ކުރީން އިންޓަނެޓް ބޭންކިން މެދުވެރިކޮށް 100،000 އަށްވުރެ މަތި ރިކުއެސްޓް އެ ދުވަހެއްގައި ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ހެނދުނު 11:30 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ މޯލްޑިވްސް ރިއަލްޓައިމް ގްރޮސް ސެޓްލްމެންޓް (އެމްއާރުޓީޖީއެސް) ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންއަށް ގެނެސްފައިވުމުން ބޭންކުތައްވެސް ވަނީ ބަންދުކޮށްފަ އެވެ. އެހެންކަމުން ބޭންކުތައް ހުޅުވި ނަމަވެސްް ހުރިހާ ހިދުމަތްތަކެއް ފޯރުކޮށެއް ނުދޭނެ އެވެ.

ބީއެމްއެލް އިން ބުނެފައިވަނީ ބޭންކުތައް މި ހަފްތާގެ ދެ ދުވަހު ހުޅުވާއިރު، ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް، އޭޓީއެމް މެދުވެރިކޮށް ނަގުދު ފައިސާ ޖަމާ ކުރުމަށް ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ވިޔަފާރި އެކައުންޓަކަށް ދުވާލަކު 200،000 ރުފިޔާ ޖަމާކުރެވޭއިރު އާންމު ފަރުދުންގެ އެކައުންޓަށް ދުވާލަކު 50،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.

ސިއްހީ ނުރައްކަލުގެ ހާލަތެއްގައި އޮތް އިރު އެންމެ އިސްކަމެއް ދޭ ކަމަކީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަމަށް ބީއެމްއެލް އިން ފާހަގަކުރި އެވެ.