ސުނާމީ އަށް ފަހު ގެދޮރު ގެއްލުނު މީހުން ތިބުމަށް މ. ކޮޅުފުށީގައި ތައްޔާރުކޮށްފައިވާ ވަގުތީ ހިޔާ ރޯވެ އެއްކޮށް އަނދައިހުލިވެއްޖެ އެވެ.

ކޮޅު ފުށީ ކައުންސިލްގެ ރައީސް އީސާ މަމްދޫހު މިއަދު ވިދާޅުވީ ދަނގަޑު ހޮޅިޖަހައި ފުލައިވުޑް ފިލައިން ހަދާ ފައިވާ ހައުސިން ޔުނިޓްގެ ކޮޓަރިއެއްގައި ފުރަތަމަ އަލިފާން ރޯވާން ދިމާވީ ކަރަންޓް ސޯޓަކުން ކަމަށް ބެލެވޭ ކަމަށެވެ.

އޭނަ ވިދާޅުވީ ރޭ ދަންވަރު 1:30 ހާކަންހާ އިރު ހިނގި އަލިފާނުގެ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުލިބުނު ނަމަވެސް އެތަނުގައި ދިރިއުޅޭ މީހުން ގެންގުޅުނު ހިފާގެންގުޅޭ ހުރިހާ ސާމާނެއް ވަނީ އަނދައި ހުލިވެފައި ކަމަށެވެ. އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު ތިނެއްޖެހި އިރު ކަމަށް ވެސް ކައުންސިލްގެ އިދާރާ އިން ބުންޏެވެ.

"ވަގުތީ ހިޔަލުގައި ދިރިއުޅޭ މީހުން ލައިގެން ތިބި ހެދުން ފިޔަވައި އެއްވެސް އެއްޗެއް ސަލާމަތެއްނުވި. ލިބުނު ގެއްލުން ދަންނަވަން ވެސް ދަތި،" މަމްދޫހު ވިދާޅުވި އެވެ.

އެމް އެން ޑީއެފުން ބުނީ ރޭ ދަންވަރު ހިނގި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވަނީ ރަށުގެ ރައްޔިތުން ނުކުމެ، ބޯފެން ހަންތަކުގައި ހުރި ފެނާއި މޫދުން ލޮނު ގެނެސް އުކައިގެން ކަމަށެވެ.

ރޭ ދަންވަރު ގާތްގަނޑަކަށް 3:30 އެހާކަންހާއިރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނު އިރު، އަދި އަލިފާންނިވެނިކޮށް މ. މުލީގައި ތިއްބަވާ ފުލުހުން އައިސް އެހީތެރިވެދިން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމް އެންޑީއެފުން ބުނީ ރޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި އިމާރާތް ތެރޭގައި ހުރި ހުރިހާ މުދަލާއި ބައެއް މީހުންގެ އަންނައުނާއި ފައިސާ އާއި ޕާސްޕޯޓް ފަދަ މުހިންމު ލިޔެކިޔުންތައް ވެސް އަނދައިން ގޮސްފައިވާ ކަމށެވެ. އަދި ބުނެފައި ވަނީ އެ ހާދިސާގެ ސަބަބުން އެ އިމާރާތުގެ ކައިރީގައި ހުރި ތިން ސައިކަލާއި ފަސް ހާސް ލީޓަރުގެ އަށް ކަޅު ހަމާއި 1000 ލީޓަރުގެ ކަޅުހަމެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.

ސާޅީސް ކޮޓަރި ހިމެނޭ ހައުންސިން ޔުނިޓްގައި އަލިފާން ރޯވި އިރު ގާތްގަނޑަކަށް 180 ވަރަކަށް މީހުން އެތަނުގައި ތިބިކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ ރޭގައި މީހުން ނޫޅޭ ކޮޓަރިއެއްގައި އަލިފާން ރޯވެފައި ހުރިކަމުގެ މައުލޫމާތު. އެކޮޓަރި ދޮރުހަލާކުކޮށްލައިގެން ބެލި އިރު ކަމަކުދާކަށް ނެތް މުޅިތަނުގައި އަލިފާން ރޯވެފައި ހުރީ. އެހާ ހިސާބުން އެ ހައުސިންގް ޔުނިޓްގައި ދިރިއުޅެމުން ގެންދާ ހުރިހާ އެންމެން އެތަނުން ނެރެފައި އަލިފާން ނިންވުމުގެ މަސައްކަތް ފެއްޓީ،" މަމްދޫހު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރޭ އަލިފާނުގެ ހާދިސާ ހިނގުމުން އެ ތަނުގައި ދިރިއުޅުނު އާއިލާތަކުގެ މީހުން ރޭގައި ނިދައި ހެދީ އެ މީހުންގެ ރަށްޓެހިންނާއި ތިމާގެ މީހުންގެ ގޭގޭގައި ކަމަށާއި އެއާއިލާތަކަށް ވަގުތީ ގޮތުން ބޭނުންކުރެވޭ ގޮތައް އެ ރަށުގެ ސްކޫލް މިހާރު ތައްޔާރުކޮށްފައިވާ ކަމަށް މަމްދޫހު ވިދާޅުވި އެވެ.

ފުލުހުން ބުނީ ކޮޅުފުށީގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

އެހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވެދިނުމަށް ޓަކައި ކައުންސިލް އިދާރާ އިން ވަނީ އެހީދޭ ފަންޑު ފޮއްޓެއް ވެސް ބަހައްޓައިފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Eesa Mamdhooh (mp3)