19 Apr 2020, 09:55
ރަށް ރަށަށް ބޭނުންވާ ކާޑުގެ ބާވަތާއި ޕެރިޝެބަލް އައިޓަމްސްތައް ފޮނުވުމުގެ މަސައްކަތް އެސްޓީީއޯއިން ފަށައިފި އެވެ.
މާލެ 24 ގަޑިއިރަށް ލޮކްޑައުން އަށް ގެނައުމާއެކު ހިދުމަތްތަކަށް ބަދަލު ގެނެސް ޑެލިވަރީގެ ސިސްޓަމް ވަރުގަދަކޮށް ކާޑުގެ ބާވަތާއި ބިސް ފަދަ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން ބުނީ ރަށްރަށަށް ބޭނުންވާނެ ކާޑުގެ ބާވަތްތައް ފޮނުވުމަށްޓަކައި އެތަކެތި ދޯނިތަކާއި ބޯޓުތަކަށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް ވަނީ މިހާރު ފަށާފައި ކަމަށެވެ.
ކާޑާއި ބިސް ފަދަ ތަކެތި ފޯރުކޮށްދިނުމަށް ޑެލިވަރީކޮށްދީފައިވާ ރަށްތަކުގެ ތެރޭގައި ބ. އޭދަފުށި ހިމެނޭއިރު ބިސް ފަދަ ޕެރިޝެބަލް އައިޓަމް ފޮނުވަން ޑެލިވަރީކޮށްދިން ތަންތަނުގެ ތެރޭގައި އައްޑު ސިޓީ އާއި ކުޅުދުއްފުށި ސިޓީ ހިމެނެއެ ވެ.
އެސްޓީއޯއިން ބުނީ ކޮވިޑް-19ގެ ހާލަތުގައިވެސް އާންމުންނަށް ފުޑް ސެކިއުރިޓީ ދެމެހެއްޓުމަކީ އެސްޓީއޯއިން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމަށެވެ.
ލޮކްޑައުންއާ ގުޅިގެން އެސްޓީއޯއިން ތަކެތި އާންމުންނަށް ފޯރުކޮށްދިނުމަށް ޑެލިވަރީގެ ހިދުމަތް ވަރުގަދަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މާލެ ސިޓީ ސަރަހައްދުގައި އެސްޓީއޯއިން 13 ވެހިކަލެއްގައި 88 ފަރާތެއް ޑެލިވަރީގައި ހަރަކާތްތެރިވާނެއެވެ. އެފަރާތްތައް ވަނީ ހަތަރު ސެކްޓަރަކަށް ބަހާފައެވެ. އެއީ ދޯނިތަކާއި މާލެ އަށާއި ހުޅުމާލެ އަދި ވިލިމާލެއަށެވެ.