18 Apr 2020, 23:58
މާލޭ ސިޓީގައި ޒަރޫރީ ބޭނުންތަކަށް ވަކި ސަރަހައްދަކަށް ނުކުމެ އުޅެވޭނެ ވަގުތީ ހުއްދައެއް ދިނުމަށް ފުލުހުން ނިންމައިފިއެވެ.
މާލޭގައި ކޮވިޑް19 ފެތުރެމުން އަންނާތީ، މާލެ ސަރަހައްދު އޮތީ ދެ ހަފްތާގެ ލޮކްޑައުން އެއްގައެވެ. އަދި ޒަރޫރީ ބޭނުމަށް، ހުއްދަ ހޯދައިގެން މެނެވީ ބޭރަށް ނުނިކުތުމަށް ފުލުހުން ވަނީ އަންގާފަ އެވެ.
ފުލުހުންގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފައިރޫޒް ވިދާޅުވީ، ޒަރޫރީ ބޭނުންމަށް ބޭރަށް ނިކުތުމުގެ ކުރިން ފުލުހުންގެ ވެބް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯއްދަވަން ޖެހޭނެ ކަމަށެވެ.
ވެބް ޕޯޓަލް މެދުވެރިކޮށް ފޯނަށް މެސެޖެއް ލިބޭ އިރު އެ މެސެޖުގައި އޭނާއަށް ދެވޭނެ ސަރަހައްދުތަކާއި އުޅެވޭނެ ވަގުތެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި މަގުމަތިން ފުލުހެއް ހުއްޓުވައިފި ނަމަ އެ މެސެޖު ދެއްކުމަށް ވެސް ފައިރޫޒު ވަނީ އެދިވަޑައިގެންފަ އެވެ.
"މައިގަނޑު އަޅުގަނޑުމެންގެ ވިސްނުމަކީ މިހާރު މިއޮތް ހާލަތުގައި ގެއިން ނިކުމެ ބޭރުގައި އުޅޭ އުޅުމަށް ކޮންމެސް ވަރެއްގެ ކޮންޓްރޯލެއް ގެންނަން ޖެހޭތީ ކޮންމެ ތިން ދުވަހަކުން އެއް ދުވަހަކު ކޮންމެ ގެއަކުން ވެސް އެ ބޭރަށް ނުކުމެ ކުރައްވަން ޖެހޭ ކަންކަން ކުރުމަށް ގަޑިއެއް ހާއިރުގެ ފުރުސަތެއް ދިނުން،" ފައިރޫޒް ވިދާޅުވި އެވެ.
އެގޮތަށް ހެދުމުން މަގުމަތީގައި މީހުން އުޅޭ މިންވަރު މަދުވެގެން ދާނެ ކަމަށާއި އެ ނިކުންނަ މީހުން މޮނިޓަރ ކުރަން ވެސް ފަސޭހަ ވާނެ ކަމަށެވެ.
ފުލުހުން ވަނީ މާލެ 26 ޒޯނަކަށް ބަހާލާފަ އެވެ. ބަހާލުމުގައި އާބާދީއަށާއި ފިހާރަތައް ހުރި ނިސްބަތައް ބަލައިގެން ފަސޭހައިން މީހުނަށް ތަކެތި ގަނަވޭނެ ކަން ފައިރޫޒް ފާހަގަކުރެއްވި އެވެ.
ވިޔަފާރި ކުރާ ފަރާތްތަކަށާއި ފިހާރަތަކަށް މިހާރު ވެސް ހުއްދަ ދެމުންދާކަން ފާހަގަކޮށް ފައިރޫޒް ވިދާޅުވީ، އަލަށް ގެނައި ބަދަލާ އެކު އެތަންތަނުގެ ޑިއުޓީ އޮންނަ ގޮތާއި ޑިއުޓީއަށްދާ ފަރާތަކުގެ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.
"ކޮންމެސް ވަރެއްގެ ތަކްލީފެއް އުފުއްލަވަން ޖެހޭނެ. އެކަމު މައިގަނޑު މަގުސަދަކީ މަގުމަތީގައި އެއް ފަހަރާ އުޅޭ މީހުންގެ އަދަދު މަދުކޮށް ކޮންމެހެން ނިކުންނަން ޖެހޭ މީހުން އެކަނި މަގުމަތީގައި އުޅެވޭނެ ގޮތެއް ހެދުން،" ފައިރޫޒް ވިދާޅުވި އެވެ.